19 Apr 2016, 14:01
ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ ބެހޭ ގޮތުން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އޮފިޝަލުންނާ ހިއްސާ ކޮށްފި އެވެ.
މިހާރު ސްރީލަންކާ އަށް ގޮސް ތިބި ދިވެހި ނޫސްވެރިންގެ ޓީމުން މިއަދު ވަނީ، ކޮލޮމްބޯގައި ތިއްބަވާ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފަ އެވެ.
ދިވެހި ނޫސްވެރިންގެ ޓީމުގައި ހިމެނެނީ ހަވީރު ނޫހުގެ ނޫސްވެރިޔާ އަލީ ނާފިޒާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ޗީފް އެޑިޓަރު ޒަހީނާ ރަޝީދާއި ރާއްޖެ ޓީވީ ނޫސްވެރިޔާ މުހައްމަދު ޖުނައިދެވެ.
ކޮލޮމްބޯގައި ހުންނަ ޔޫރަޕިއަން ޔޫނިއަން މިޝަންގެ އޮފީހުގައި އޮތް އެ ބައްދަލުވުމަށް ވިލާތުގެ އިއްތިހަދުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޑެލީ އާއި ސްރީލަންކާގައި ހުންނަވާ އޮސްޓްރޭލިޔާގެ ސަފީރު ބްރައިސް ހަޗެސަންއާއި ޖަރުމަނު ސަފީރު ޖުރްގެން މޮރްހާދް އާއި ކެނެޑާ ސަފީރު ޝެލީ ވައިޓިންގް އާއި އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ހިމެނެ އެވެ.
އެގޮތުން "އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލު"ގެ މައުލޫމާތާއި ނޫސްވެރިން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ކުރަމުންދާ ދައުވާތަކާއި ހަވީރު ނޫސް ހުއްޓާލަން ޖެހުމާއި އަދި މީޑިއާ ސްޓޭޝަންތަކާއި ވަކިވަކި ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާ ބެހޭ މައުލޫމާތު ނޫސްވެރިން ވަނީ ޑިޕްލޮމެޓުންނާ ހިއްސާ ކޮށްފަ އެވެ.
އެ ނޫސްވެރިން މައުލުމާތު ދިން ގޮތުގައި، ޑިޕްލޮމެޓުން ވަނީ، ސަރުކާރާއި އަދި ޖުޑީޝަރީގެ ފަރާތުން ނޫސްވެރިކަމަށް އެޅެމުންދާ ހުރަސްތަކާއި ރާއްޖޭގައި ނޫސްވެރިކަން ހުރި ހާލަތާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއްކޮށްފަ އެވެ. އަދި ނޫސްވެރިން ހައްޔަރުކުރުމާއި އެ މީހުންގެ މައްޗަށް ދައުވާ ކުރުމާއި އެހެނިހެން މައްސަލަތަކާ ބެހޭ ގޮތުން އެ ފަރާތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރި ކަމަށް ކޮލޮމްބޯގައި ތިބި ދިވެހި ނޫސްވެރިންގެ ޓީމުން ބުންޏެވެ.
ނޫސްވެރިން ބުނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، ނޫސްވެރިންގެ މަސައްކަތަށް އެކަށޭނަ މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަކީ، ކުރިޔަށް ހުރި އިންތިޚާބުތައް ބޭއްވުމަށް ވެސް ބޭނުންވާ ކަމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ނެދަލެންޑްސް އެމްބަސީ އާއި ކެނެޑާ ހައިކޮމިޝަނާއި ނޯވޭ އެމްބަސީ އާއި އިނގިރޭސި ހައި ކޮމިޝަނާއި ސްވިޓްޒަލެންޑް އެމްބަސީގެ އިތުރުން ޖަރުމަނު އެމްބަސީ އާއި ޖަޕާނު އެމްބަސީގެ އިސް އޮފިޝަލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވި ކަމަށް ނޫސްވެރިން ބުންޏެވެ.