19 Apr 2016, 13:22
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދޭ އިނާޔަތްތަކާއި މަންފާތައް ކަނޑާލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.
ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާ ނަމަ ދައުލަތުން އެ އެ ބެފުޅަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް،ކުރިން ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށްދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 43 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ އިސްލާހު ރައީސް ޔާމީން ތަސްދީގު ކުރެއްވުމާއި ގުޅިގެން ރައީސް ނަޝީދަށް ދައުލަތުން ދެމުންދާ އިނާޔަތް މިހާރުންފެށިގެން ހުއްޓޭނެ އެވެ.
އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިރު، ކުރި ކުށަކަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެ ހިސާބުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހުމުގެ އިތުރުން ކުރީގެ ރައީސުންނަކީ މަގާމު އަދާކުރެއްވި ދުވަސްވަރާއި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭތީ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.
މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަހަކު 50،000 ރުފިޔާ އައީ ދެމުންނެވެ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި މަހަކު 50،000 ރުފިޔާ ކަނޑައަޅާފައިވާ އިރު އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އަހަރަކަށް 2.1 މިލިއަން ރުފިޔާ ވެސް އައީ ދައުލަތުން ދެމުންނެވެ.