19 Apr 2016, 13:37
މަޖީދީ މަގުގައި ހުންނަ ކޯސްޓްލައިން ހާޑްވެއާގައި އިއްޔެ ހިނގީ އާދައިގެ ހާދިސާއެއް ނޫނެވެ. ބޮޑު އަލިފާންގަނޑެއް ކޮންޓްރޯލު ނުކުރެވި ވަނިކޮށް، ކައިރީގައި ހުރި އެހެން އިމާރާތްތަކަށް ފެތުރި، އަގު ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ވި އެވެ. އެތައް މަސައްކަތުން ރައްޔިތުންތަކެއް ގާއިމުކުރި ދިރިއުޅުން އަލުން އާރާސްތު ކުރަން ޖެހިއްޖެ އެވެ.
މި ހާދިސާގައި މ. އިރާކުވިލާއަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވެސް ނޫޅެވޭ ވަރަށް އަނދައިފަ އެވެ. އެ ގޭގައި ތިން އާއިލާއެއް އިއްޔެއާ ހަމައަށް ދިރިއުޅެމުން ދިޔަ އިރު، އެގޭގައި ތިން އާއިލާ ވެސް ދިރިއުޅެމުން ދިޔަ ބައިތައް ވަނީ އަންދައިފަ އެވެ. އެގޭގައި ޖުމްލަ 19 މީހަކު ދިރިއުޅެމުން ދިޔަ އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވީ، މ. އިރާކުވިލާގެ އެއް އާއިލާއެއް ދިޔައީ، އެ އާއިލާގެ މެމްބަރުންގެ މަންމައާ އެކު ރާއްޖެއިން ބޭރަށް ފުރުމަށް ކަމަށެވެ. އެ މަންމައަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ.
އެހެން ނަމަވެސް، އެ އާއިލާއިން ފުރަން ތައްޔާރުވުމަށް، އެކި ގޮތްގޮތުން އެއްކޮށްފައިވާ 2،500 އަށް ވުރެ ގިނަ ޑޮލަރާއި، ޕާސްޕޯޓުތައް ވެސް ވަނީ އަނދައިފަ އެވެ.
މ. އިރާކުވިލާގެ 19 މީހަކު މިވަގުތު ބޯހިޔާވަހިކަމެއް ނެތް އިރު، އެ 19 މީހުން މިވަގުތު ތިބީ ސްޓާ ސިނަމާގަ އެވެ. އަދި އެސަރަހައްދުގައި އަލިފާނުގެ އަސަރުކުރި އެހެން ގެއެއްގެ ހަތަރު މީހަކަށް ވެސް ސްޓާ ސިނަމާގައި ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން ކަންކަން ވަނީ ހަމަޖައްސައިފަ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ "ސަން" އަށް ވިދާޅުވީ، ރެޔާއި ހަމައަށް ސަރުކާރުގެ ފަރާތުން ވެސް 46 މީހަކަށް ގެސްޓްހައުސްތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާ ކަމަށެވެ.