19 Apr 2016, 13:56
އެއްއިރެއްގައި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ރީތި ޖަވާހިރު ކަމަށްވާ "ކޮހިނޫރު" އަކީ ނަވާރަސަތޭކައިގެ އަހަރުތަކުގައި ކްއީން އެލިޒަބަތަށް އިންޑިއާގެ ރަސްގެފާނު ހަދިޔާކުރި، އިނގިރޭސި ވިލާތަށް ނިސްބަތްވާ އެއްޗެއް ކަމަށާއި އެއީ ވަގަށް ނަގާފައިވާ އެއްޗެއް ނޫން ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފި އެވެ.
ކޮހިނޫރަކީ އިންޑިއާގެ ތާރީހާ ގުޅިފައިވާ އެއްޗެއް ކަމަށާއި އިންޑިއާގެ އެއްޗެއް ރާނީ ވަގަށް ނެގީކަމަށް ބުނެ ރާނީއާ ދެކޮޅަށް ދައުވާކުރީ "މައުންޓަން އޮފް ލައިޓް" ގެ ނަމުގައި ހަދާފައިވާ ގުރޫޕަކުންނެވެ. އެ ގުރޫޕުގައި ހިމެނޭ ބޮލީވުޑްގެ ތަރިއެއް ކަމަށްވާ ހުމިކާ ސިންގް ބުނެފައި ވަނީ ކޮހިނޫރަކީ ހަމައެކަނި 105 ކެރެޓްގެ ޖަވާހިރެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ތާރީހާ ސަގާފަތާ ގުޅިފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެއްވެސް ޝައްކަކާއި ނުލައި ކޮހިނޫރު އަނބުރާ އިންޑިއާއަށް ދޭން ޖެހޭނެ ކަމަށެވެ.
އެމައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާއިރު އެގައުމުގެ ސަރުކާރުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރަމުން ބުނެފައިވަނީ ކޮހިނޫރަކީ ނަވާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ރަސްކަމުގައި ހުންނެވި ރަންޖިތް ސިންހް އިނގިރޭސި ރާނީއަށް ހަދިޔާކުރެއްވި ޖަވާހިރެއް ކަމަށެވެ.
" ކޮހިނޫރަކީ އޭރުގެ ރަސްގެފާނު ރަންޖިތް ސިންހް އިނގިރޭސި ވިލާތަށް ހަދިޔާކުރެއްވި އެއްޗެއް. އެއީ ސިކުންނާ ދެމެދު ހިނގާދިޔަ ހަނގުރާމައިން އަރައިގަތުމަށް އިނގިރޭސިން އެހީތެރިވުމުން އެކަމުގެ އަގުވަޒަންކޮށް ދިން އެއްޗެއް،" އިންޑިއާ ސަރުކާރުން ކޯޓުގައި ބުނެފައިވެ އެވެ.

ކޮހިނޫރު: އިންޑިއާގެ އެއްޗެއް ކަމަށް ބުނެ ކްއީންއާ ދެކޮޅަށް އެގައުމުގެ ބަޔަކު ވަނީ ކޯޓަށް ހުށަހަޅާފައި --
އޮގަސްޓް 1850 ވަނަ އަހަރު އިންޑިއާގައި ރަސްކަންކުރެއްވި ރަންޖިތް ސިންހް ރާނީއަށް އެ ޖަވާހިރު ހަދިޔާކުރެއްވީކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުން އޭރު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އިންޑިއާގައި ތިބި އިގިރޭސިން އެ ކޮހިނޫރު ގެންދިޔައީ ކަމަށްވެސް ވަނީ ވާހަކަތައް ފެތުރިފަ އެވެ.
މައުންޓަން އޮފް ލައިޓްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އެމީހުން ރާނީ އެލިޒަބަތާ ދެކޮޅަށް ދައުވާ ކުރަނީ ދައުލަތުގެ ޖަވާހިރެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެމައްސަލައިގައި އެމީހުން ބައިނަލްއަގްވާމީ ކޯޓުތަކަށް ދާން ޖެހުނަސް ދާނެކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާއިން މީގެ ކުރިންވެސް ވަނީ ކޮހިނޫރު ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެ އަނބުރާ ދިނުމަށް އެދިފަ އެވެ. އަދި އިންޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް 1997 ވަނަ އަހަރު ރާނީ އެލިޒަބަތު 2، ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ގިނަ ފަރާތްތަކަކުން ވަނީ ކޮހިނޫރު އަނބުރާ ދިނުމަށް އެދިފަ އެވެ.
އޭގެ ފަހުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން 2013 ފެބުރުއަރީގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ކޮހިނޫރު ދޭން ބުނެ އިންޑިއާއިން އެދުމަކީވެސް ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެެވެ.