19 Apr 2016, 12:31
ރާއްޖޭގައި ޓީމެއް ބަލިކޮށްލައިގެން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްލައިގެން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިއަހަރުގެ ޗެރިޓީ ޝީލްޑްގައި މާޒިޔާ ވަނީ ނިއު ރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މާޒިޔާ އިން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނަމަވެސް، އެ ކްލަބު މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ހަތަރު ވަނައިގައެވެ.
މިސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ، ނިއު ރޭޑިއަންޓްގެ މައްޗަށް ހޯދާ ކާމިޔާބީއަކީ ވަރަށް މުހިންމު ކާމިޔާބަކަށް ވާނެ ކަމަށެވެ.
"ރާއްޖޭގައި ޓީމެއް ބަލިކޮށްލައިގެން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ނިއު ރޭޑިއަންޓް ބަލިކޮށްލައިގެން. މި ދައްކަނީ މިހާރު ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ ކާމިޔާބު، އެންމެ ބޮޑު ކްލަބުގެ ވާހަކަ. އެހެންވީމަ، ނިއު ރޭޑިއަންޓްގެ މައްޗަށް ހޯދާ ކޮންމެ ކާމިޔާބެއް އެއީ އަޅުގަނޑަށް ވަރަށް މުހިންމު ކާމިޔާބަކަށް ވާނެ. އޭގެ އިތުރުން އަޅުގަނޑަށް ނިއު ރޭޑިއަންޓަކީ ވަރަށް ކުރީއްސުރެ، ވާދަވެރި، އެކުވެރިއެކޭ ދެންނެވޭނީ،" އޭނާ ބުންޏެވެ.
ސުޒޭން ބުނީ، ކުރިން ވެސް ނިއު ރޭޑިއަންޓް ބަލިކޮށްލައިފިނަމަ އަބަދުވެސް އޮންނަނީ ތަށި ލިބޭ ހިސާބުގައި ކަމަށާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ގިނަ ވާދަވެރި މެޗުތަކެއް ކުޅެ، ގިނަ މެޗުތަކެއް ކާމިޔާބުކޮށްފަ ހުންނާނެ ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި އަޅުގަނޑަށް ހިއެއް ނުވޭ، ރާއްޖޭގެ އެއްވެސް މީހަކު އަޅުގަނޑާ އެއްވަރަށް ނިއު ރޭޑިއަންޓް ބަލިކޮށްފަ ހުރިހެނެއް. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ނިއު ރޭޑިއަންޓް މެޗު އެއީ ހާއްސަ މެޗެއް. އަޅުގަނޑު ކުޑައިރު ކުޅެން ފެށީއްސުރެ، ނިއު ރޭޑިއަންޓް ބަލިކޮށްލައިފިއްޔާ ތަށި ލިބޭ ހިސާބުގައި އަބަދުވެސް އޮންނަނީ. އެހެންވީމަ އެއަށް ބަލާއިރު، ނިއު ރޭޑިއަންޓަށް ގިނަ ވާދަވެރި މެޗުތަކެއް ކުޅެ، ގިނަ މެޗުތަކެއް ކާމިޔާބުކޮށްފަ ހުންނާނެ،" އޭނާ ބުންޏެވެ.
ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.