19 Apr 2016, 12:19
އަންނަ ބުރާސްފަތި ދުވަހު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ނާޒިމްގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިފައި ވަނީ ބޭސްފަރުވާގެ ކަންތައް ނުނިމެނީސް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދައުލަތަށް އެދެވޭ ފަރުވާ ނުދެވުމުން އަމިއްލަ ޚަރަދުގައި ބޮޑު ހޭދައެއް ކޮށްގެން ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރަމުން ދަނިކޮށް، ފަރުވާ ފުރިހަމަނުކޮށް އެނބުރި މާލެ އައުމަށް އަންގައި މަދު ގަޑިއިރުތަކެއްދީ އަދި އެ މުއްދަތުގައި ނައިސްފި ނަމަ ގަދަކަމުން ގެންނާނެ ކަމުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނާޒިމްގެ އާއިލާ އިން މިފަދަ ބަޔާނެއް ނެރެފައި ވަނީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ކާނަލަ ނާޒިމަށް އަންގާފައިވަނިކޮށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ 48 ގަޑި އިރުގެ ތެރޭގައި ކާނަލް ނާޒިމް ރާއްޖެ ވަޑައިނުގެންފި ނަމަ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރިއަށްގެންދާނެ ކަމަށެވެ.
ނާޒިމްގެ އާއިލާ އިން ނެރުނު ބަޔާނުގައި ވަނީ ޖަލުގައި ހުރި އިރު އެކަށީގެންވާ ވަރާ ގާތަށް ވެސް ބޭސްފަރުވާގެ ކަންތައް ކުރިއަށް ނުގެންދެވުމުން އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދުނީ ރާއްޖެ އިން ނުކުރެވޭ ފަރުވާއެއް ކުރުމަށް ކަމަށެވެ. އަދި އެ ހުއްދަ ދީފައި ވަނީ ތަކުރާރުކޮށް އެދިގެން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ކާނަލް ނާޒިމަށް އަންގާފައި ވަނީ ބޭސްފަރުވާގެ ކަންތައް ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށް މެލޭޝިޔާގެ ޑޮކްޓަރު ވިދާޅުވެފައި ވަނިކޮށް ކަމަށާއި ޑޮކްޓަރުގެ ލިޔުންތައް ވެސް ވަނީ ކަރެކްޝަންސް އަށް ފޮނުވާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ޑޮކްޓަރުގެ ލިޔުންތައް ހުށަހަޅައި ތަކުރާރުކޮށް އެދުމުން ވެސް އެ ހުއްދަ ދީފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.
"އެކަމާ ބެހޭ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފޮނުވައި އަދި މުއްދަތު އިތުރުކޮށްދިނުމަށް ތަކުރާރުކޮށް ދަންނަވައި އެކަމާ ގުޅިގެން ފޮނުވާފައިވާ ތިން ސިޓީ އަށް ވެސް ޖަވާބުދިނުމެއް ނެތި ކުއްލި ގޮތަކަށް 48 ގަޑި އިރުތެރޭ އެނބުރި މާލެ އައުމަށް އަންގައި ސިޓީ ފޮނުވާފައިވާ އިރު މިކަމަކީ މުހައްމަދު ނާޒިމާއި އޭނާގެ އާއިލާގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ." ނާޒިމްގެ އާއިލާގެ ބަޔާނުގައިވެ އެވެ.
ކާނަލް ނާޒިމުގެ އިތުރަށް ދިއްްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް ވެސް ްއިއްޔެ ކަރެކްޝަނުން ވަނީ 48 ގަޑި އިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގައިފަ އެވެ.