19 Apr 2016, 12:09
މަޖީދީމަގުގައި ހުންނަ ކޯސްޓްލައިން ހާޑްވެއާގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި ހާދިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމާ ހަމައަށް، އެމީހުންނަށް ހިޔާވަހިކަމާއި އެހީތެރިކަން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ފޯރުކޮށްދިން ކަމަށް އެ ޔުނިވާސިޓީ އިން ބުނެފި އެވެ.
އެ ޔުނިވާސިޓީ އިން މިއަދު "ސަން" އަށް މައުލޫމާތު ދެއްވި އޮފިޝަލެއް ވިދާޅުވީ، ހާދިސާ ހިނގުމާ އެކު އެ ޔުނިވާސިޓީ އިން އިއްޔެ ވަނީ، ގެއްލުން ލިބުނު އާއިލާތަކަށް އެ ޔުނިވާސިޓީގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށެވެ.
ކޯސްޓްލައިން ހާޑްވެއާގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި އިމާރާތްތަކާއި ގެތަކަށް ވެސް ފެތުރުނެވެ. އަލިފާނުގެ އަސަރު ކުރި ގިނަ ގޭގޭގައި މީހުންނަށް ނޫޅެވޭ ވަރަށް ވަނީ އަނދައި ހުލި ވެފަ އެވެ.
އިސްލާމިކް ޔުނިވާސި ޓީއިން ބުނީ، ގާތްގަނޑަކަށް 40 ވަރަކަށް މީހުން އެ ޔުނިވާސިޓީގައި ރޭ ހިޔާވަހިކަން ހޯދި ކަމަށެވެ. އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން އެ މީހުން ތިބޭނެ ތަންތަން ވަގުތީކޮށް ހަމަޖައްސައިދިނުމާއ ހަމައަށް، އެ މީހުން އައިޔޫއެމްގައި ތިބި ކަމަށް އެ ޔުނިވާސިޓީ އިން ބުނެ އެވެ.
އަދި ސަރުކާރުން ކަންކަން ހަމަޖައްސައިދެން ދެން އެ ރައްޔިތުންނަށް ކާނާއާއި އެހެނިހެން ޒަރޫރީ ބޭނުންތައް ވަގުތީ ގޮތުން ހަމަޖައްސައިދިން ކަމަށް ވެސް ޔުނިވާސިޓީ އިން ބުންޏެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ "ސަން"އަށް ވިދާޅުވީ، ރެޔާ ހަމައަށް 46 މީހަކު ސަރުކާރުގެ އެހީއަށް އެދުނު ކަމަށާއި، އެ 46 މީހުންނަށް ގެސްޓް ހައުސްތަކުން ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ގެދޮރަށް ގެއްލުންވީ މީހުންނާއި އަދި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެއް އުނދަގޫވެފައިވާ މީހުންނަކަށް އެކަންޏެއް ނޫން. އެ ސަރަހައްދު ބަންދުކޮށްފައި ހުރުމުން، އެ ސަރަހައްދުގައި އުޅޭ ބޭފުޅުންނަށް ވެސް އެހީތެރިކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.