މިސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފެންނާނީ ކުރީގެ ވަރުގަދަ ކްލަބު ވެލެންސިއާ ކަމަށް ބީޖީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ވެލެންސިއާއަކީ ލީގުގެ އެންމެ ކާމިޔާބު ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ވެލެންސިއާ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެސް ވަނީ ފަސް ފަހަރު ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް 2008 ވަނަ އަހަރަށް ފަހު، ވެލެންސިއާގެ ކުޅުން ދަށްވެ، ލީގު ކާމިޔާބުކުރެވިފައެއް ނުވެ އެވެ. މިސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން ވެލެންސިއާ އިން ވަނީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވެސް ގެނެސްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ މެންދުރު ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބީޖީގެ ކޯޗު ޝާޒް ބުނީ، ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ބީޖީ އިން ވަރަށް ކުޅެލާ ހިތްވާ މެޗެއް ކަމަށެވެ.

"ވެލެންސިއާއޭ ބުނީމާ، އަސްލު ވެލެންސިއާގެ ޓީމުގެ ގޮތުގައި ވަރަށް ދުވަސްތަކެއް ހިނގައްޖެ ކަންނޭނގެ. އެހެންނަމަވެސް، މި އަހަރު ވެލެންސިއާއޭ ބުނީމަ، އެއޮތީ ކުރީގެ ވެލެންސިއާ އޮތް ގޮތަށް. ލީގުގައި ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި، ވެލެންސިއާ މި ފެންނަނީ. އެހެންވީމަ، ބީޖީއިން ވަރަށް އުންމީދުކުރާ މެޗެއް މިއީ،" އޭނާ ބުންޏެވެ.

ޝާޒް ބުނީ، ކުޅުންތެރިންނަށް ބަލާ އިރު ވެލެންސިއާއަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ދޫކުރާނެ ޓީމެއް ނޫން ކަމަށާއި ފުރަތަމަ މެޗުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެލަން ލިބުމަކީ ބީޖީއަށް ލިބުނު އުފަލެއް ކަމަށެވެ.

ލީގުގައި ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގަ އެވެ.