19 Apr 2016, 13:16
އެކަށީގެންވާ ބަޖެޓު ނުލިބުމުގެ ސަބަބުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހިންގަން ބޭނުންވި ތަރައްގީގެ އެތަކެއް މަސައްކަތްތަކެއް މަޑު ޖައްސަން ޖެހިފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް މިއަދު އެ ކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ފާއިތުވި ތިން އަހަރުވެސް ކޮމިޝަންގެ ބަޖެޓު އަހަރަކަށް ވުރެ އަހަރެއް ކުޑަވެފައިވާ ކަމަށެވެ.
"މިއީ ކޮމިޝަނުން ހިންގަން ބޭނުންވި ތަރައްގީގެ އެތަކެއް ކަމެއް ނުކުރެވި ނުވަތަ މަޑު ޖައްސާލަން ޖެހިފައިވާ އެންމެ ބޮޑު ސަބަބު،" ޑރ. ޝަމީމް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރު ސިވިލް ސާވިސް ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުން ތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަމީމް ވިދާޅުވީ، ސިވިލް ސާވިސް އިންސްޓިޓިއުޓުގެ އިމާރާތް ބާވެފައިވުމާއި އެ ތަނުގެ ޖާގައިގެ ދަތި ކަމަކީވެސް ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް އެ ކޮމިޝަނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ކޮމިޝަނަށް ބޭނުންވާ މިންވަރަށް ބަޖެޓު ލިބެމުން ނުގޮސްފައިވާތީ ކޮމިޝަންގެ ކެޕޭސިޓީ ބިލްޑު ކުރުމަށްވެސް ވަނީ މިދިޔަ އަހަރު ބުރޫ އަރާފައި،" ޑރ. ޝމީމް ވިދާޅުވި އެވެ.
ހަމައެއާއެކު، ދިވެހި ރާއްޖެ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ހިމެނިފައި ވުމުން، ބޭރުގެ ފަރާތްތަކުން އެ ކޮމިޝަނަށް ލިބެމުން އައި އެހީގެ ފުރުސަތުތައްވެސް މިދިޔަ އަހަރު ހަނިވެފައިވާ ކަމަށް ޑރ. ޝަމީމް ވިދާޅުވި އެވެ.
"ސިވިލް ސާވިސްގެ މުހިއްމު މަގާމުތައް ކަމަށްވާ ޒިންމާދާރު ވެރިން އަދި އެހެނިހެން އިސް މަގާމުތަކަށް ބޭނުންވާ ޝަރުތު ހަމަވާ ގާބިލު މުވައްޒަފުން ނުލިބުމަކީވެސް ސިވިލް ސާވިސްގެ ހިންގުން ހަރުދަނާ ކުރުމަށް ދިމާވެފައިވާ ގޮންޖެހުމެއް،" ޑރ. ޝަމީމް ވިދާޅުވި އެވެ.
ޑރ. ޝަމީމް ވިދާޅުވީ، މިހާރުވެސް ރަށު އަދި އަތޮޅު ކައުންސިލް ތަކަށް ބޭނުންވާ 69 ޒިންމާދާރު ވެރިން ނުލިބި ވާކަމަށާއި އެ މަގާމުތަކުގައި ތިބީ ވަގުތީ ޒިންމާދާރު ވެރިން ކަމަށެވެ.
ހަމައެއާއެކު، އަތޮޅު ތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީނުތައް އެދެވޭ މިންވަރާ ގާތަށްވެސް ފަހި ކުރެވިފައި ނުވާ ކަމަށާއި މުވައްޒަފުން މަސައްކަތަށް ޝައުގުވެރި ކުރުވާނެ ކަންކަން ރާވައި ހިންގުމަށްވެސް، ބަޖެޓު ނެތުމުގެ ސަބަބުން ދަތިވެފައިވާ ކަމަށް ޑރ. ޝަމީމް ވިދާޅުވި އެވެ.