19 Apr 2016, 11:29
މިދިޔަ ސީޒަނަށްވުރެ، މިސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ވާދަވެރިވާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ލީގުގެ ފަހުކޮޅަށް ދިޔައިރު، މަހިބަދޫ ސްޕޯޓްސް ކްލަބު ފިޔަވާ ދެން ހިމެނޭ ޓީމުތައް އޮތީ ޕޮއިންޓްގެ ގޮތުން ވަރަށް ގާތްގާތުގައެވެ.
މިސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ، މިދިޔަ އަހަރަށްވުރެ މިއަހަރު ޓީމުތައް ފެންނަނީ ވަރަށް އެއްވަރުކޮށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާނީ މިދިޔަ އަހަރަށްވުރެ، މިއަހަރުގެ ލީގު ވާދަވެރިވާނެއޭ. ވާދަވެރި ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ ސަބަބަކީ ހަގީގަތުގައި ޓީމުތައް މިދިޔަ އަހަރަށްވުރެ ތަންކޮޅެއް އެއްވަރުކޮށް މިއުޅެނީ. މިދިޔަ އަހަރު ވަރަށް މަދު ޓީމަކުން ބިދޭސީ ހަތަރު ކުޅުންތެރިން ގެނައީ. އެހެންނަމަވެސް މި ފަހަރު ހުރިހާ ޓީމެއްގަހެން ގާތްގަނޑަކަށް ބިދޭސީ ހަތަރު ކުޅުންތެރިން ތިބުމާ އެއްކޮށް، ލީގުގެ ވާދަވެރިކަން ބޮޑުވާނެ،" އޭނާ ބުންޏެވެ.
ސުޒޭން ބުނީ، އެއްވަނަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީއަށް ބަލައިލިޔަސް އެ ޓީމުގައި ވެސް ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނޭ ކަމަށާއި އެހެންވެ ލީގުގެ ވާދަވެރިކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"ހުރިހާ ޓީމުތަކުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ނުކުންނައިރު، ފުޓްބޯޅައަށް އުފާވެރި ސީޒަނަކަށް ވުން، ފުޓްބޯޅައަށް ފާގަތި އަހަރަކަށް ވުން، އެއީ މާޒިޔާގެ ވަރަށް ބޮޑު އެދުމެއް. ދިވެހި ލީގަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ބޮޑު ކާނިވަލެއް،" އޭނާ ބުންޏެވެ.
ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.