19 Apr 2016, 12:00
ސިވިލް ސާވެންޓުންގެ ހާލަތު ރަނގަޅު ކުރުމަށް ގެދޮރުވެރި ކުރުމުގެ ހާއްސަ ސުކީމެއް ވަރަށް އަވަހަށް ފައްޓާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ކޮށްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް މިއަދު އެ ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަކަން ހޯދައިދިނުމާ ގުޅޭ ގޮތުން ހައުސިންގް މިނިސްޓްރީއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"މި ކަމުގައި އަޅުގަނޑުމެން ވަނީ ސަރުކާރާ އެކު ހާއްސަކޮށް ހައުސިންގް މިނިސްޓަރާ އެކު މަޝްވަރާ ކުރެވިފައި. ސަރުކާރުން ވަނީ ވަރަށް އުއްމީދީ އިޖާބައެއް ދެވިފައި،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި ގާބިލުކަން އިތުރުކޮށް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ސްޓަޑީ ލޯން ސުކީމެއް ތައާރަފު ކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މަތީ ތައުލީމު ހާސިލުކޮށް މަސައްކަތުގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ބޭނުންވާ ސިވިލް ސާވެންޓުންނަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން މޭ މަހުގެ ތެރޭގައި ބީއެމްއެލްއާ ގުޅިގެން ސިވިލް ސާވެންޓުންނަށް ސްޓަޑީ ލޯން ސުކީމެއް ތައާރަފު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މިހާރު ދަނީ އެ ބޭންކް އާ އެކު މަޝްވަރާ ކުރަމުން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސުކީމްގެ ދަށުން ކިޔެވުމަށާއި ތަމްރީނު ހޯދުމަށް ބޭނުންވާ ކޮންމެ ސިވިސް ސާވެންޓަކަށް ލޯނު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި އެއީ ސިވިލް ސާވެންޓުން އަމިއްލަ އަށް ކުރިއެރައިގެން ދިއުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ހަމައެއާ އެކު ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ސިވިލް ސާވިސްގެ ހަރަދު ކުޑަކުރުމަށް، ހިއުމަން ރިސޯސް އޮޑިޓުތަކެއް އެ ކޮމިޝަންގެ އިދާރާތަކުގައި ހިންގާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"ސިވލް ސާވިސްގެ ހަރަދުތައް ކުޑަކޮށް ކޮންމެ އިދާރައަކަށް އެތަނަކަށް އެންމެ އެކަށޭނެ މިންވަރަށް މުވައްޒަފުން ބޭތިއްމުމަށް ޓަކައި ވަރަށް އަވަހަށް އެޗުއާރް އޮޑިޓުތަކެއް ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން ސިވިލް ސާވިސްގެ އިދާރާތަކުގައި ހިންގަން ފެށޭނެ." އަލީ ޝަމީމް ވިދާޅުވި އެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހުސްކޮށް ތިބޭ މުވައްޒަފުންނަކީ ކޮބައިކަން ދެނެގަނެވި ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ވެސް ދެނެގަނެވޭނެ ކަމަށް ވެސް ޑރ. ޝަމީމް ވިދާޅުވި އެވެ.