ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން "ސައުދިއާ"ގެ ކާގޯ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަން ފަށަން ނިންމައިފި އެވެ.

"ސްޓެޓް ޓްރޭޓް ޓައިމްސް"އަށް މައުލޫމާތު ދެމުން، ސައުދިއާ ކާގޯގެ ސީއީއޯ ނަބީލް ޚުޖާ ވިދާޅުވީ، ސައުދިއާއިން ކާގޯ ފްލައިޓުތައް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިކަން ކުރާ ސިޓީތަކަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ސައުދިއާއިން ވަނީ، ރާއްޖޭގެ ވެރިރަށް މާލޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ވެސް މި އޭޕްރިލް މަހުގެ ތެރޭގައި ކާގޯ ފްލައިޓުތައް ފަށާނެކަން ހާމަ ކޮށްފަ އެވެ.

މާލެއަށް ސައުދިއާއިން ކާގޯ ފްލައިޓު ދަތުރުތައް ކުރަން ނިންމާފައި ވަނީ ހަފްތާއަކު ދެ ދުވަހު އެވެ. މާލޭގެ އިތުރަށް ޖަރުމަނުގެ މިއުނިކް އަށް ހަފްތާއަކު 10 ފްލައިޓާއި، މި އަހަރުގެފަހުކޮޅު ތުރުކީގެ ވެރިރަށް އަންކާރާއަށް ވެސް ދަތުރުތައް ފެށުމަށް ސައުދިއާއިން ނިންމާފައި ވެ އެވެ.

ސައުދިއާއިން ކާގޯ އުފުލައިދެނީ ބޮއިންގ ބީ777 މަރުކާގެ ފްލައިޓުތަކާއި، އެ ފްލައިޓު ދަތުރުކުރާ މަންޒިލަށް ދާ އެއާބަސް އޭ320 އާއި އޭ330 ފްލައިޓުތަކުގަ އެވެ.

ސައުދިއާ ކާގޯގެ ސީއީއޯ ނަބީލް ވިދާޅުވީ، މި ދަތުރުތަކުން އެ އެޢާލައިނަށް އާ މާކެޓާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.

ސައުދިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ފަށާފައި ވަނީ ނިމިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހު އެވެ. ސައުދިއާގެ ދަތުރުތައް ވެސް ރާއްޖެއަށް ކުރަނީ ހަފްތާއަކު ދެ ދުވަހު އެވެ.