19 Apr 2016, 11:03
ކޯސްޓްލައިން ހާޑުވެއާގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި މުޅި އެ ފިހާރަ އެއްކޮށް އަނދައި ހުލިވީ ބަލަބައި ތިއްބަ އެވެ. އަލިފާނގަނޑު ފެތުރެމުން ގޮސް ކައިރީގައި ހުރި ގޭގެއަށް ވެސް އެ އަސަރު ފޯރަން ފެށި އެވެ. އަލިފާން ރޯވިތާ މާކަ ގިނައިރުތަކެއްނުވެ އެވެ. އަލިފާން ނިއްވުމަށް ސިފައިން އެ ސަރަހައްދަށް އައިސްފި އެވެ. އެއޮއް ބޮޑުކޮށް ރޯވެފައިވާ އަލިފާންގަނޑަށް ހިމަހޮޅިތަކުން ފެން ޖަހަން ފެށި އެވެ.
އަލިފާން ނިއްވުމަށް ގައުމީ ހިދުމަތުގައި ކުރަމުން ދިޔަ މަސައްކަތްތަކަށް މިވަނީ ބޮޑެތި ފާޑުކިޔުންތަކެއް ރައްދުވެފަ އެވެ. ސިފައިންނަކަށް ނޫނެވެ. ސިފައިން ކުރި މަސައްކަތަށް ޝުކުރު ހައްގެވެ. ނަމަވެސް އަލިފާން ނިއްވުމަށް ސިފައިން ގެންގުޅޭ އާލާތްތަކުގެ ފެންވަރާ މެދު އެތައް ބަޔަކު މިވަނީ ސުވާލު އުފައްދައިފަ އެވެ.

ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ފެން ޖެހުން ދޭތެރެ ދޭތެރެއިން މެދު ކެނޑުމާއި ޕަންޕުތަކަށް ޕްރެޝަރު ނުލިބުމުގެ މައްސަލަތައް ކުރިމަތިވި އެވެ. އެއާ އެކު ހުޅުގަނޑު އިތުރަށް ބޮޑުވުން ފަދަ މައްސަލަތައް ކުރިމަތިވި އެވެ.
"ހުޅުގަނޑު ބޮޑަށް ފެތުރެން ދިމާވީ ސިފައިންގެ އަތުގައި ވަސީލަތްތައް މަދުކަމުން ކަމަށް ބެލެވޭ، އެއީ އަލިފާންގަނޑު ކޮންޓުރޯލް ވަމުން ދަނިކޮށް ފެންހުސްވުމުން ފެންގެންނަން ދިޔަ ވަގުތުގައި އިތުރަށްރޯވީ." އެއަލިފާނުގެ ހާދިސާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިއަކު ބުންޏެވެ.
ޖަޒުބާތީ އެވަގުތުގައި އެތައް ބައެއްގެ ފާޑުކިޔުން ސިފައިންނަށް ރައްދުވި ނަމަވެސް ސިފައިން ވަނީ ވަނީ އަލިފާން ނިއްވުމަށް ޓަކައި ވަރަށް ވެސް ބުރަކޮށް މަސައްކަތްކޮށްފަ އެވެ. ހުރި ވަސީލަތެއް ބޭނުންކޮށްގެން ބުރަ މަސައްކަތްތަކެއް ކުރި އެވެ. އާންމުންގެ ފާޑުކިޔުންތަކާއި ހަގީގަތަކީ ކޮބާތޯ އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ސިފައިން އިއްޔެ އެންމެ ބޮޑަށް އިސްކަން ދިނީ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށް ކަމަށެވެ.

ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އެތަނުގެ[ހާޑުވެއާގެ] އަލިފާން ކޮންޓެއިންކޮށްފައި އެއީ [އަލިފާންގަނޑު ފެތުރުނަ ނުދިނުމަށް] އިސްކަން ދިން ކަމަކީ،" ކާނަލް ޒުހުރީ ވިދާޅުވި އެވެ.
އިއްޔެ ފަހުން ފެނިގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)ގައި އަލިފާން ނިއްވަން ބޭނުންކުރާ ފޯމް ވެހިކަލެއް މާލެ ގެނެސް އަލިފާން ނިއްވުމުގައި ބޭނުން ކުރަމުން ދިޔަތަނެވެ. އެހާޑުވެއާގައި އެތަކެއް ކެމިކަލް ހުރި އިރު އެފޯމް ވެހިކަލް ބޭނުންކޮށްގެން ފަސޭހަ ކަމާ އެކު އަލިފާންގަނޑު ނިއްވާލެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް އެފޯމް ވެހިކަލް ގެނައި އިރު އަލިފާންގަނޑު ވަނީ ކޮންޓުރޯލްކޮށްފަ އެވެ.
ކާނަލް ޒުހުރީ ވިދާޅުވީ ސިފައިންގެ އަތުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފޯމް ވެސް ހިމެނޭ ކަމަށެވެ. އެމްއޭސީއެލް އިން ގެނައި ވެހިކަލްއަކީ ބެކަޕަކަށް ގެނައި ވެހިކަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިފައިންގޭގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކަށް ގިނަ ދުވަސްވެ އެތަކެއްޗަށް މަރާމާތު ބޭނުންވާ ވާހަކައަކީ އެ ދާއިރާގެ ތަޖުރިބާކާރުން ވެސް އެއްބަސްވާ މައްސަލައެކެވެ. ހަމަ އެއާ އެކު އަލިފާން ނިއްވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ސިފައިންނަށް ބޭނުންވާ ކަމަށް ސިފައިން ވެސް އެދަނީ ބުނަމުންނެވެ.

ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ހިތަދޫ މެދުދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ މިއަދު މަޖިލީހުގައި ވިދާޅުވި ގޮތުގައި މާލެ ތޮއްޖެހެމުންދާ ވަރަށް ބަލާފައި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ އާލާތާއި ބޭނުންވާ ކަންތައްތައް މަޖިލީހުން ވެސް ކޮށެއްނުދެ އެވެ.
"މާލެ މިހާރު ތޮއްޖެހެމުން މިދާވަރުން ސަލާމަތީ ގޮތުން އަލިފާނުން ރައްކާތެރިވުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި،." ދީދީ ވިދާޅުވި އެވެ.
ކުރިއަށް އޮތް ސަޕްލިމެންޓްރީ ބަޖެޓުގައި ވެސް ސިފައިންނަށް އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނު ހޯދައި ދިނުމަށް އިލްތިމާސް ކުރެ އެވެ.
އަލިފާނުގެ ހާދިސާއާ އެކު ސިފައިންނަށް މިވަނީ ފާޑުކިޔުންތަކެއް ރައްދުވެފަ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ވަސީލަތްތަކެވެ. މިއީ އެތައް ހާސް ރައްޔިތުންގެ ސަލާމަތާ ގުޅުން ހުރި މައްސަލައެކެވެ. ލަސްނުކުރާށެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް އަވަހަށް ހޯދައިދޭށެވެ.