ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ނަގާފައިވާ 15 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި މއ. އަތަމާގެ އާއި މއ. ފެހިއަތަ އަދި ގ. ދޮންއަތަ ވިއްކުމުގެ ހުއްދަ އެސްބީއައި އަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހުކުމް ކުރައްވަމުން ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ ދޮންއަތަ، އިހްސާނާ އަބްދުއްލަތީފާއި ފެހިއަތަ، އަބްދުﷲ އަބްދުއްލަތީފް ގެރެންޓީ ދީގެން އަތަމާގޭ އަބްދުއްލަތީފް ހުސެއިން މަނިކަށް އެސްބީއައި އިން ދޫކޮށްފައިވާ އެއް މިލިއަން ޑޮލަރު 15.42 މިލިއަން ޑޮލަރު ދެއްކުމަށް މީގެ ކުރިން ވެސް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އެކަމަކު އެއް މިލިއަން ޑޮލަރުގެ ލޯނުން ނުދައްކައި ބާކީ އޮތް 813،155 ޑޮލަރު (12،538،850ރ.) ދެއްކުމަށް ހުކުމް ކުރުމުން މިހާތަނަށް ވެސް ދައްކާފައިނުވާކަން ދެ ފަރާތުގެ ބަހުން ވެސް އެނގޭ ކަމަށް ހުކުމުގައި ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ލޯނުން ނުދައްކައި ބާކީ އޮތް ފައިސާ އާއި އިންޓްރެސްޓް އަދާކޮށްފައިނުވާތީ ލޯނު ނެގުމަށް ރަހުނުކޮށްފައިވާ އަބްދުއްލަތީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަތަމާގެ އާއި އަބްދުﷲގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފެހިއަތަ އަދި އިހްސާނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދޮންއަތަ ވިއްކުމުގެ ހުއްދައަށް އެސްބީއައި އިން އެދިފައިވާ ކަމަށެވެ.

އެ މުއާމަލާތަކީ ރަހުނެއް ހިމެނޭ މުއާމަލާތެއް ކަމުން ރަހުނާ ބެހެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިއާޔަތްކޮށް ރަހުނުކޮށްފައިވާ އަތަމާގެ އާއި ފެހިއަތަ އަދި ދޮންއަތަ ވިއްކުމުގެ ހުއްދަ އެސްބީއައި އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ހުކުމާ އެއްގޮތަށް އަމަލު ކުރުމަށް ދައުވާ ލިބޭ އަބްދުއްލަތީފާއި އަބްދުﷲ އާއި އިހްސާނާގެ މައްޗަށް ގާޒީ އަމުރުކުރެއްވި އެވެ.