19 Apr 2016, 10:49
ޭކޭންބެރާ (އޭޕްރިލް 19): އޮސްޓްރޭލިއާގެ މަޖިލިސް އިންތިހާބު އަވަސް ކުރައްވަން ނިންމަވާފައިވާ ކަމަށް އެގައުމުގެ ބޮދުވަޒީރު، މެލްކަމް ޓާންބުލް ވިދާޅުވެއްޖެ އެވެ.
އާ މަޖިލީހެއް އެކުލަވާލަން ބޮޑުވަޒީރު ނިންމެވީ، އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓަށް ސަރުކާރުން ހުށަހެޅި ބިލެއް، ސެނެޓުން ދެ ފަހަރު މަތިން ބޭރުކޮށްލުމުންނެވެ.
ސަރުކާރުން ތަކުރާރުކޮށް ހުށަހަޅާ ބިލަކާ ބެހޭ ގޮތުން މަޖިލީހުގެ ތިރީގެއާއި މަތީގެއިން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އާމަޖިލިސް އިންތިހާބެއް ބޭއްވުމުގެ ހައްގު އޮސްޓްރޭލިއާގެ ގާނޫނު އަސާސީން އެ ގައުމުގެ ސަރުކާރަށް ދީފައިވެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޓާންބުލް ވިދާޅުވީ ތިނެއް މޭގައި އޮސްޓްރޭލިއާގެ ބަޖެޓު އިއުލާން ކުރުމަށް ފަހު މިހާރު އޮތް މަޖިލިސް އުވާލުމަށް ގައުމުގެ ގަވަރުނަރު ޖެނެރަލްއަށް އަންގަވާނެ ކަމަށެވެ.
ޓާންބުލް ވިދާޅުވީ މަޖިލިސް އުވާލަނީ އޮސްޓްރޭލިއާގެ "ރައްޔިތުން ބޭނުންވާ ގޮތެއް ބުނުމުގެ" ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"އޭގެ މާނައަކީ، ތިރީގެއާއި ސެނެޓުން ތަކުރާރުކޮށް އެއްބަސްވުމަކަށް ނާދެވުމުން ހުރިހާ ރައްޔިތުން ވޯޓަކަށް ދިޔުން،"
އޮސްޓްރޭލިއާގެ ސަރުކާރުން މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓަށް ހުށަހަޅާފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާގެ ކަންތައްތައް ބަލަހައްޓާ ޖަމްއިއްޔާއެއް ކަމަށްވާ އޭބީސީސީ [އޮސްޓްރޭލިއަން ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ކޮމިޝަން] އަނެއްކާ ވެސް އެކުލަވާލުމާ ބެހޭ ބިލެކެވެ.
ބޮޑުވަޒީރު ޓާންބުލް ވަނީ އާމަޖިލީހަށް ހޮވޭނެ ކަމަށް ލަފާ ކުރެވެނީ އެބިލަށް ތާއިދު ކުރައްވާ ފަރާތްތައް ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)