19 Apr 2016, 15:10
ހދ. ނައިވާދޫ ސްކޫލު ބިނާކޮށްފައި ހުރީ ގަބުރުސްތާނެއްގެ މަތީގައި ކަމަށް ބެލެވިގެން އެތަން ތަޅައި ގަބުރުތައް ނަގަމުންދާތީ، އެކަމަށް ހައްލެއް ލިބެންދެން ދަރިވަރުން ސްކޫލަށް ނުފޮނުވާން ބެލެނިވެރިން ނިންމައިފި އެވެ.
ނައިވާދޫ ސްކޫލުގެ ބެލެނިވެރިން ބުނި ގޮތުގައި، ކިޔަވައިދޭ ވަގުތުގައި މަސައްކަތް ކުރަމުން ގެންދިއުމާ ގުޅިގެން ދަރިވަރުންނަށް ހިރަފުހާއި ކޮނުމަށް ބޭނުންކުރާ އެކްސްކަވޭޓަރުގެ ދުމުގެ އަސަރުކުރުމާއި އަޑުގަދަވުމުގެ ސަބަބުން ސްކޫލަކީ މިހާރު ކިޔެވުމަށް އެކަށީގެންވާ މާހައުލެއް ނޫނެވެ.
މީގެ އިތުރުން، ކިޔަވައިދޭ ވަގުތުގައި ގަބުރުތައް ނަގަމުންދާތީ ދަރިވަރުންނަށް ނަފްސާނީގޮތުން ގެއްލުންވެ، ބައެއް ދަރިވަރުން ބިރުގަންނަ ކަމުގެ ޝަކުވާތަކެއް ކުރަމުން އަންނަ ކަމަށް ބެލެނިވެރިންގެ ބުނެ އެވެ.
ބެލެނިވެރިން ވަނީ، ކިޔަވައިދޭ ވަގުތުގައި ސްކޫލުގައި މަސައްކަތްކުރަމުންދާތީ ކިޔަވައިދިނުމަށް އެނޫން ތަނެއް ހަމަޖައްސައިދެންދެން، މިއަދުން ފެށިގެން ދަރިވަރުން ސްކޫލަށް ނުފޮނުވާން ނިންމައިފަ އެވެ.
އެެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާ ގޮތުން، މިހާރު ކޮނުމުގެ މަސައްކަތްކުރަމުންދާ ތަނަކީ ގާތްގަނޑަކަށް 400 ވަރަކަށް މީހުން ވަޅުލާފައިވާ ތަނެއް ކަމަށް އެރަށުގެ ދުވަސްވީ މީހުން ބުނާ ކަމަށެވެ.
ސްކޫލުގެ ފަރާތުން ސްކޫލުގެ ޕްރިންސިޕަލް ފޯނު ނުނަންގަވާތީ އެކަމުގެ އިތުރު މައުލޫމާތުވަނީ ލިބޭގޮތް ނުވެފަ އެވެ.
ހދ. ކައުންސިލުގެ ރައީސް އަހްމަދު ޒިޔާދު މުހައްމަދު އިއްޔެ ސަން އަށް ވިދާޅުވީ، އެރަށު ސްކޫލަކީ ގަބުރުސްތާނެއްގެ މަތީގައި ހަދާފައި ހުރި ތަނެއް ކަމަށް ބެލިވެގެން މީގެ ދެ އަހަރު ކުރިން ކައުންސިލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ.
އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އެތަންކޮނެ ގަބުރުތަކެއްގެ ކަށި ފެނިފައި ވާތީ، އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން އެތަން ތަޅައި ގަބުރުތައް ނެގުމުގެ މަސައްކަތްކުރަމުންދާތާ ހަފްތާއެއް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ސްކޫލު ކުރިއަށްމިދަނީ ދެ ދަންފަޅިއަކަށް. އަނެއްކާ މިދުވަސްވަރަކީ ހަނަފަސް ދުވަސްވަރަކަށް ވާތީ. ސްކޫލް ވަގުތުގައި އެ މަސައްކަތްކުރާތީ ހިރަފުސްތަކާ އެއްޗެހި ގޮސް ދަރިވަރުންނަށް އުދަނގޫތަކެއްވޭ. އެކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިން ވެސް ހުށަހަޅާފައިވަނީ،" ނައިވާދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ސްކޫލުގެ ވަކި ސަރަހައްދެއް ތަޅާލައިގެން ގަބުރުތައް ނެގުމުގެ މަސައްކަތް ކުރަނީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން، މަސައްކަތްކުރާ ސަރަހައްދުގައި ވަށާ ސަތަރި ދަމައިގެންނެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގް ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ސަން އަށް ވިދާޅުވީ، އެފަދަ ކަންބޮޑުވުންތަކެއް ހުރިކަމަށް ރިޕޯޓްކުރުމުން އެ މައްސަލަ ބަލައި ހައްލެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުންގެ ޓީމެއް އެރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
އަދި ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް މިނިސްޓްރީ އިން ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވި ގޮތުގައި، އެތަނުގައި ގަބުރު ހުރި ކަމަށް ބެލެވިގެން މިދިޔަ ސްކޫލް ބަންދު ތެރޭގައި އެތަން ކޮނުމުގެ މަސައްކަތައް ބަޔަކު ހޯދަން އިއުލާންކުރި ކަމަށެވެ. ނަމަވެސް އެކަމަށް ބަޔަކު ހަމަނުޖެހި ލަސްތަކެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.