19 Apr 2016, 10:42
ނިޔުޔޯކް (އެޕްރީލް 19): އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ގަލްފުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ފެށުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒިރު ޖޯންކެރީ، އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ނިޔުޔޯކްގައި ބައްދަލުކުރައްވާނެކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެރީ މިއަދުގެ ވަގުތެއްގައި ޒަރީފް އާ ބައްދަލުކުރައްވާނެ ކަމަށާއި ދެބޭފުޅުންގެ މަޝްވަރާތައް ކުރިޔަށްދާނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލައާއި ޔަމަންގެ މައްސަލައިގެ އިތުރުން އީރާނާއި ގަލްފުގެ ގައުމުތަކާ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަކުރުމާބެހޭގޮތުން ކަމުގައެވެ.
އޮބާމާއާއި ގަލްފުގެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ ރިޔާޒުގައި ބާއްވާ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޚާއްސަ ސަމިޓެއް ގައެވެ. މިސަމިޓްގެ ބޭނުމަކީ އީރާނާ ދެކޮޅަށް އެމެރިކާ ގެންގުޅުނު ހަރުކަށި ގޮތްތައް ދޫކޮށްލައި އީރާނާ ގާތްވުމުގެ ސިޔާސަތެއް އެމެރިކާ ގެންގުޅެން ފެށުމުންނާއި އީރާނާދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ގަލްފުގެ ލީޑަރުން ކަންބޮޑުވި ކަންބޮޑުވުންތަކާއި ގަލްފަށް ކުރިމަތިވި ނުތަނަވަސްކަން ކުޑަކުރުމާބެހޭގޮތުންނެވެ.
ގަލްފުގެ ގިނަ ގައުމުތަކުން ދެކެނީ އީރާނަކީ އިސްރާއީލަށްވުރެވެސް ބޮޑު ދުޝްމަނެއްގެ ގޮތުގައެވެ. ނަމަވެސް އީރާނަކީ ގަލްފުގެ އެއްވެސް ގައުމަކަށް އިސްވެ ޙަމަލާދީ ހަނގުރާމައެއްކޮށް ގަލްފުގެ ގައުމުތަކާ ދެކޮޅަށް އުދުވާނެއް ހިންގާފައިވާ ގައުމެއްނޫނެވެ. އަދި އީރާން ބަލިކަށިކުރުމަށްޓަކައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ބާއްވަން އެދޭކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކުން މިހާރު އީރާން ސަލާމަތްވެފައިވާތީ ކަންބޮޑުވާކަން ގަލްފުގެ ގައުމުތަކުން ގެންދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ.
ގަލްފުގެ ގިނަ ގައުމުތަކާއި އީރާނުގެ ގުޅުންތައް މިހާރު ކެނޑިފައިވާއިރު ސޫރިޔާއާއި ގަލްފުގެ ގައުމުތަކުގެ އެންމެ ބޮޑު ޝަކުވާއަކީ އިރާގާއި ޔަމަންފަދަ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާން ވަންނަމުންދާ މައްސަލައެވެ. އިރާގާއި ސޫރިޔާގެކަންތައްތަކުގެ ތެރެއަށް އީރާން ވަންނަނީ އެދެގައުމުގެ ސަރުކާރުގެ އެދުމުގެ މަތިން އެދެގައުމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުންކަމަށް އީރާން ބުނެއެވެ.
އަނެއްކޮޅުން އީރާން ގެންދަނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ގަލްފުގެ އަރަބި ގައުމުތައް އިސްކޮށް އޮވެގެން އަސްކަރީ ގޮތުން ވަދެގެންފައިވާތީ އެކަމުގެ ޝަކުވާކުރަމުންނެވެ. މީގެއިތުރުން ބަހްރައިންގެ އިދިކޮޅު ފަރާތްތައް ބަލިކޮށްލުމަށްޓަކައި ސައޫދީ އަރަބިޔާއިން ބަހްރައިންއަށް ވަންނަމުންދާ މައްސަލަވެސް އީރާނުން ކުށްވެރިކުރެއެވެ.
މިމައްސަލައިގައި ގަލްފުގެ ގައުމުތަކުން ބުނަނީ ޔަމަނާއި ބަހްރައިންގެ ކަންތައްތަކުގެ ތެރެއަށް އެގައުމުތަކުން ވަންނަނީ އެދެގައުމުގެ ސަރުކާރުގެ އެދުމުގެ މަތިން އެދެގައުމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުންކަމުގައެވެ. އެހެންކަމުން އީރާނާއި ގަލްފުގެ ގައުމުތަކާ ދެމެދު މިއޮންނަނީ ސިޔާސީ ވާދަވެރިކަމެއްކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ކުރިޔާ ޚިލާފަށް އީރާނަކީ މިހާރު ބާކީކޮށް އެކަހެރި ކޮށްލެވިފައިވާ ގައުމަކަށްނުވެފައި އީރާނާއެކު ޔޫރަޕްގެ ގައުމުތަކާއި އެނޫންވެސް ގައުމުތަކުން ގުޅުންތައް ބަދަހިކުރަން ފަށާފައިވާތީ އީރާން އެކަހެރި ކުރުމަށް ކުރާމަސައްކަތްތައް ދެން ކާމިޔާބުނުވާނެ ކަމަށް ގަލްފުގެ ގައުމުތަކުންވެސް މިހާރު ދެކެއެވެ. (ރޮއިޓާސް)