އެއީ ދެމަފިރިން އުޅެމުންދިޔަ އެޕާޓްމެންޓެކެވެ. ކަންދިމާކުރި ގޮތުން ދެމަފިރިން ވެސް އެވަގުތަކު ގެއަކު ނެތެވެ. ކުއްލިއަކަށް ހަބަރު ލިބިގެންދިޔައީ ގެކައިރި ހުރި ހާޑުވެއާ ފިހާރާގައި އަލިފާންރޯވި ވާހަކަ އެވެ. މާކަ ގިނަ އިރުތަކެއްނުވެ އެވެ. ދެން އިވިގެން ދިޔަ ހަބަރަކީ ދިރިއުޅުމަށް އެއްކޮށްފައި ހުރި މުދާތަކާ އެކު މުޅި އެޕާޓުމެންޓް އެއްކޮށް އަނދައިގެން ދިޔަ ހިތާމަވެރި ހަބަރެވެ.

ކޯސްޓްލައިން ހާޑުވެއާގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި މުޅި އެ ފިހާރަ އެއްކޮށް އަނދައި ހުލިވެފައިވާ އިރު އެތައް އަވައްޓެރިންނަކަށް ވެސް ވަނީ ފޫނުބެއްދޭވަރުގެ ގެއްލުންވެފަ އެވެ. އެ ހާދިސާގައި އެ ފިހާރަ ކައިރީ ހުރި ތިން ގެއަކަށް އަލިފާނުގެ އަސަރުކުރި އިރު އެއް ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ދެން އެނދި ދެ ގޭގެ ބައެއް ފުލޯތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އެހާދިސާގައި މ. އޮޅުގިރި ތިން ފުލޯ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. ތިން ފުލޯއަށް ހުންނަ އެގޭގެ ތިން ވަނަ ފުލޯގެ ކުޑަދޮރުތައް ހުންނަނީ އެހާޑްވެއާ ފިހާރައާ ދިމާލަށެވެ. ދެމަފިރިން އުޅެމުން ދިޔަ ތަނަވަސް ދިރިއުޅުން އެވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނދައި ހުލިވެފަ އެވެ.

"ކުޑަދޮރުން އަލިފާން ވަނދެގެން އެއްކޮށް އެހެރީ އަނދާފައި، އެއްވެސް އެއްޗެއް ނެތް، ލިބުނު ގެއްލުން އަންދާޒާކޮށްލަން ވެސް ނޭނގޭ،" އެފުލޯގައި ދިރިއުޅޭ އަންހެން މީހާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ގެއްލުން އަންދާޒާކޮށްލަން ނޭނގޭ އިރު ގޭގައި އަގުބޮޑެތި ގިނަ ސާމާނުތަކެއް ހުންނާނެ އެވެ. ބަރުބޮޑު ދިރިއުޅުމުން ހޯދާފައިވާ އެ ހުރިހާ ސާމާނެއް ވަނީ އެއްކޮށް އަނދައިފަ އެވެ. ހިފާގެންގުޅޭ ސާމާނުތަކުގެ އިތުރުން ލާންގެންގުޅޭ އަންނައުނާއި ޕާސްޕޯޓާއި ސެޓްފިކެޓްތައް ވެސް ވަނީ އަނދައިހުލިވެފަ އެވެ.

"ޓީވީ އެހެރީ ނެތް ފެންނާކަށް، ހަމައެކަނި ފާރު އެހެރީ، އެނދު ކަބަޑު ވެސް ދޯ، ލެޕްޓޮޕް ވެސް ޓެބް ވެސް ހުރިހާ އެއްޗެއް ދިޔައީ، ދޮރުތައް ވެސް އަނދާފައި، ބަދިގޭގެ ކަބަޑު ސެޓްތައް ވެސް ބިންމަތީ އެހެރީ އަނދައި ވެއްޓިފައި." އޭނާ ބުންޏެވެ.

މިވަގުތު އެ ދެމަފިރިން ތިބީ އާއިލާ ބައެއްގެ ގޭގަ އެވެ. އެ ދެމަފިރިން ލޯބިން ދިރިއުޅެމުން ދިޔަ އެޕާޓްމެންޓް އެއްކޮށް އަނދައި ހުލިވެފައިވާ އިރު އެތައް ބަޔަކަށް ވަނީ އެ އަލިފާނުގެ ހާދިސާގެ އަސަރުކޮށްފަ އެވެ. އެ ހާދިސާއާ ގުޅިގެން މިހާތަނަށް އެހީތެރިކަމަށް އެދުނު 46 މީހުންނަށް ގެސްޓް ހައުސްތަކުން ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އެ ބޭފުޅުންގެ ބޯހިޔާވަހިކަން ގެސްޓް ހައުސްތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުންދާ އިރު، ބޭނުންވާ ޒަރޫރީ ބޭނުންތަކާއި ކެއުން ބުއިމުގެ ކަންތައް ހަމަޖައްސައިދޭނެ ކަމަށެވެ.

"އަޅުނގަޑުމެން އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ގެދޮރަށް ގެއްލުންވީ މީހުންނާއި އަދި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެން އުނދަގޫވެފައިވާ މީހުންނަކަށް އެކަންޏެއް ނޫން. އެ ސަރަހައްދު ބަންދުކޮށްފައި ހުރުމުން، އެ ސަރަހައްދުގައި އުޅޭ ބޭފުޅުންނަށް ވެސް އެހީތެރިކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ އިރު ކޯސްޓްލައިނުގެ ފަރާރުން ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޯސްޓްލައިން ހާޑްވެއާގެ ޑިރެކްޓަރު ހުސައިންފުޅު ވިދާޅުވީ ހާޑްވެއާގައި ރޯވެ، ލިބިގެން ދިޔަ ގެއްލުމަށް ވުރެ ބޮޑަށް އެ ހިސާބުގެ އަވަށްޓެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ހިތާމަ ކުރައްވާ ކަމަށް ހުސައިންފުޅު ވިދާޅުވި އެވެ.

"ލިބުނު ގެއްލުމަށް ވުރެ އަޅުގަނޑު ކަންބޮޑުވޭ އަވަށްޓެރިންނަށް ލިބިގެން ދިޔަ ގެއްލުމާ މެދު. އެބޭފުޅުންގެ ހާލު ބެލުމަށް ކަމާ ބެހޭފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ހާދިސާއާ ގުޅިގެން ކަންބޮޑުވެފައި ހުރި ހުސައިންފުޅު ވިދާޅުވި އެވެ.

ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކޮންމެ އަކަސް އިއްޔެ ހިނގި އެ އަލިފާނުގެ ހާދިސާއެއްގައި ކުދިބޮޑު އެތައް ބައެއްގެ ދިރިއުޅުން އެ ވަނީ އަނދަވަޅަކަށް ވެއްޓިެގންގޮސްފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ހާލުގައިޖެހުނު ފަރާތްތަކަށް އެހީތެރިވަމުންނެވެ. ނަމަވެސް ދިރިއުޅުމަށް ހޯދި އަގު ބޮޑު މުދާތައް އެވަނީ އެއްކޮށް އަނދައިފަ އެވެ. ލައިގެން ހުރި އަންނައުނު ފިޔަވައި އިތުރު އެއްޗެސް ސަލާމަތެއްނުވި އެވެ.