19 Apr 2016, 09:41
ފުލުހުންނާއި ސިފައިންނަށް ރިޓަޔަމަންޓް އިނާޔަތް ލިބޭ އުސޫލު ބަދަލުކުރުމަށް ފުލުހުންނާއި ސިފައިންގެ ގާނޫނަށް ސަރުކާރުގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހު ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފި އެވެ.
އެ އިސްލާހު އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމެއްގައި ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު، ފުލުހުންނާއި ސިފައިންގެ ގާނޫނަށް ވަކިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން ޝަރަފްވެރިކަމާ އެކު ފުލުހުންގެ ނުވަތަ ސިފައިންގެ ވަޒީފާ އިން ވަކިވާ މީހުންނަށް އިނާޔަތްތައް ދޭން ނިންމުމުގެ ބާރު ހޯމް މިނިސްޓަރަށް އޮތަސް، އެފަދަ މީހަކު ރައްޔިތުން އިންތިހާބު ކުރާ ސިޔާސީ މަގާމެއްގައި ހުރި ނަމަ، އެ މުއްދަތުގައި ގާނޫނުގެ ދަށުން އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް އެ މީހަކަށް ނުލިބޭނެ ކަމަށެވެ.
ސިފައިންގެ ގާނޫނު އެގޮތަށް އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ އިރު ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާނަކީ ދައުލަތުގެ ވަޒީފާ އަދާ ކުރާ ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންނަކީ ފުލުހުންގެ ވަޒީފާ އިން ޝަރަފުވެރިކަމާ އެކީގައި ރިޓަޔާކޮށްފައިވާ ދެ ބޭފުޅުންނެވެ. އަދި ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވާފައިވާ ހުސައިން ވަހީދު ރިޓަޔަމަންޓް ފައިސާ ހޯއްދަވަން ހޯމް މިނިސްޓްރީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.