19 Apr 2016, 09:06
ރޭ ގާތްގަނޑަކަށް 11:00 ކަންހާއިރު ވަނީ، މާލޭގެ މަގެއްގެމަތީގައި ބެލެނިވެރިޔަކާ ނުލައި އެކަނި އުޅުނު ތުއްތު ކުއްޖަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި އެކުއްޖާގެ އާއިލާއިން ވަނީ ކުއްޖާއާ ހަވާލުވެފައެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ، ބެލެނިވެރިއަކާ ނުލައި ރޭ 11:00 ޖަހާކަންހާއިރު މާފަންނު ކެފޭ ލަޔާލީ ސަރަހައްދުން ފެނުނު ދެ އަހަރުގެ ފިރިހެން ކުއްޖަކު އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރޭ 11:45 ކަންހާއިރު އާއިލާއިން އެކުއްޖާއާ ހަވާލުވެފައިވާ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.
"އެކުއްޖާގެ އާއިލާއާ ރޭ ހަވާލުކޮށްފިން އެވަގުތުގެ ތެރޭގައި، ކުޑައިރުކޮޅެއްގެ ތެރޭގައި އާއިލާއިން ހަވާލުވެއްޖެ." އިސްމާއިލް ވިދާޅުވި އެވެ.
އެކުއްޖާއަށް އެއްވެސް އެހެން މައްސަލައެއް ކުރިމަތިނުވާ ކަމަށާއި އެކުއްޖާ އެކަނި މަގުމައްޗަށް ނުކުންނަން ދިމާވި ސަބަބެއް އަދި ސާފުނުވާ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.