ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ)ގެ ކާރުން 160 އަށް ވުރެ ގިނަ ބަނގުރާ ފުޅި ބޭލި ބިދޭސީ މީހާގެ ޕާސްޕޯޓް ދޫކޮށްލުމާ މެދު ގޮތެއް ނިންމޭނީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ގޮތެއް ނިންމުމުން ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް އެދި ރީކޯ މޫސަގެ ކާރުން ރާ ބޭލި ލަންކާގެ މުހްޔިއްދީން މުހައްމަދު ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުން އިސް ގާޒީ ވިދާޅުވީ އެ މައްސަލައަކީ ފެބްރުއަރީ 23، 2010 ގައި ހިނގާފައިވާ ކަމެއް ކަމަށެވެ. އެކަމަކު އެ މައްސަލަ ޖެހުނުތާ އެއް އަހަރަށްވުރެ ވެސް ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް ވެސް އެ މައްސަލަ ކޯޓާ ހަމައަށް އައިސްފައިނުވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި މުހްޔިއްދީން ހައްޔަރުކޮށް ޕާސްޕޯޓް ހިފެހެއްޓުމަށް ފުލުހުން އެދުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަދި މިހާރު ވެސް އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތަކަށް މުހްޔިއްދީންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރެއްވުމުގައި އިސްކޮށް ހުންނަވާ ފުލުސް އޮފިސަރު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުގައި އެ މައްސަލަ ދެ މަސް ދުވަހު ބޭއްވުމަށް ފަހު މައުލޫމާތެއް އިތުރަށް ސާފު ކުރުމަށް އަނބުރާ ފުލުސް އޮފީހަށް އެ މައްސަލަ ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ފުލުހުން ދަނީ ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް، އެ މައްސަލައިގައި ހިމެނޭ ފިލައިގެން ރާއްޖެ އިން ބޭރަށް ފުރާފައިވާ ބިދޭސީއެއްގެ ފޯނުން ކޮށްފައިވާ ކޯލްތަކެއްގެ ޑީޓެއިލް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުސް އޮފިސަރު ބުނީ ފިލައިގެން އުޅޭ މީހާގެ އަސްލު ނަން މިހާތަނަށް ފުލުހުންނަށް ހޯދިފައިނުވާ ކަމަށެވެ. އެކަމަކު އޭނާގެ ވަނަމަކީ "ޓިންޓިން" ކަމަށާއި އޭނާއަކީ ކާރަށް ރާ އެރުވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ފުލުސް އޮފިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޖީ އޮފީހުން ބުނި ފޮނުވުމަށް އެދުނު ތަފްސީލުތަކަކީ ޕާސްޕޯޓް ހިފަހައްޓާފައިވާ މުހްޔިއްދީންގެ މައްސަލައިގައި ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި މުހްޔިއްދީނަކީ ކާރުން ރާ ބޭލުމުގައި ހަރަކާތްތެރިވި މީހާ ކަމަށާއި އޭނާ އެކަމަށް އިންކާރު ވެސް ނުކުރާ ކަމަށެވެ.

މީގެ އިތުރުން ފުލުސް އޮފިސަރު ވިދާޅުވީ ޕީޖީ އޮފީހުން ހޯދުމަށް އެދޭ މައުލޫމާތު ވަރަށް އަވަހަށް ލިބޭނެ ކަމަށާއި މި އަންނަ ހަފްތާގައި އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލެވޭވަރު ވާނެ ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ މުހްޔިއްދީނަކީ ބިދޭސީ މީހަކަށްވެފައި މި މައްސަލައިގައި ހިމެނޭ އަނެއް މީހާ ފިލައިގެން އުޅޭ މީހަކަށްވުމުން އެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ދޫކޮށްލެވެން ނެތް ކަމަށެވެ.

ރީކޯ މޫސަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 4674-ޕީ ނަންބަރު ކާރުން 168 ފުޅި ބަނގުރާ ފެނިފައިވެ އެވެ. މ. ކުރަހާގޭ ކައިރިން ރީކޯ މޫސަގެ ކާރުން ރާ ބާލަނިކޮށް ފުލުހުން ވަނީ ރެޑްހޭންޑްކޮށް ބަޔަކު އަތުލައިގެންފަ އެވެ.