18 Apr 2016, 23:35
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކްލޫސިވް ނޭޝަންވައިޑް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލަކީ ހަމައެކަނި ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށާއި އިޖްތިމާއީ ރޮނގުން ވެސް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންދާ ކަމަށެވެ.
އެގޮތުން މިއަދު ސްވިމްން އެސޯސިއޭޝަނާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ފެތުމުގެ ހަރަކާތްތައް ހިންގައި ކުރިއަރުވަން އެހީތެރިވެދޭނެ ކަމަށާއި ރާއްޖެފަދަ ގައުމެއްގައި ފެތުމަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ ރާއްޖެފަދަ ގައުމަކަށް މުހިންމު ކަމެއް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
ސްވިމިން އެސޯސިއޭޝަންގެ ފަރާތުން ބީއެމްއެލްއާއެކު އެސްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ ސްވިމިންގް އެސޯސިއޭޝަންގެ އެކްސްކްލޫސިވް ނޭޝަންވައިޑް ޕާޓްނަރަކަށް ގައުމީ ބޭންކް ވެގެންދިޔުމަކީ އެކަމާ ވަރަށް އުފާވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ފެތުމުގެ ކުޅިވަރުތައް ތަރައްގީކޮށް އެތުލީޓުންގެ ހުނަރު އާލާކުރުމަށް ކުރިއެރުވުމަށްމަގު ހުޅުވިގެންދާނެ ކަމަށެވެ.