18 Apr 2016, 22:09
ކޯސްޓްލައިންހާޑްވެއާ ހިންގާ އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެހީތެރިކަމަށް އެދުނު 46 މީހުންނަށް ގެސްޓް ހައުސްތަކުން ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "ސަން"އަށް ވިދާޅުވީ އެ ހާދިސާގެ އަސަރު ކުރި ތަންތަން ސާފުކުރުމަށްފަހު އެތަންތަނުގެ ހާލަތު ބަލައި، އާއްމު ހާލަތަށް ރުޖޫއަވުމުން މިހާރު ޑިޒާސްޓަރު ސެންޓަރުގައި ތިއްބެވި ބޭފުޅުންނަށް އެތަންތަނަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ނަމަވެސް، މިހާރު އެބޭފުޅުންގެ ބޯހިޔާވަހިކަން ގެސްޓް ހައުސްތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުންދާއިރު، ބޭނުންވާ ޒަރޫރީ ބޭނުންތަކާއި ކެއުން ބުއިމުގެ ކަންތައް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެހީއަށް އެދި އެދެމުންދާ މީހުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް 46 މީހަކު އެހީއަށް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުނގަޑުމެން އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ގެދޮރަށް ގެއްލުންވީ މީހުންނާއި އަދި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެއް އުނދަގޫވެފައިވާ މީހުންނަކަށް އެކަންޏެއް ނޫން. އެ ސަރަހައްދު ބަންދުކޮށްފައި ހުރުމުން، އެ ސަރަހައްދުގައި އުޅޭ ބޭފުޅުންނަށް ވެސް އެހީތެރިކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަރީފް ވިދާޅުވީ، އަލިފާނުގެ ހާދިސާ ރިޕޯޓްކުރިތާ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ ތެރޭގައި އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށް ލިބެންހުރި ހުރިހާ ވަސީލަތްތަކާއި ތަކެތީގެ އިތުރުން އެއާޕޯޓުގައި ހުރި ބައެއް ވަސީލަތްތައް ވެސް ބޭނުންކުރި ކަމަށް ވެސް ވިދާޅުވި އެވެ.
އަލިފާންގަނޑު ނިއްވާލަން ވަގުތު ނެގީ އެތަނަކީ ގުދަނަކަށްވެފައި، އެތަނުގައި ކެމިކަލްތަކެއް ހުރުމުން ކަމަށާއި ވަށައިގެން ހުރި ގެތަކަށް ވެސް އަލިފާނުގެ އަސަރު ފޯރާފާނެތީ އެކަން ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހުމުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
"މިބާވަތުގެ ކަންތައްތައްވާއިރު، ހާއްސަކޮށް މާލެއަކީ ވަރަށް ކުޑަތަނެއް. މަގުތައް މި އޮންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ. ވެހިކަލެއް ގެންނަން ބެލި ނަމަވެސް ވަރަށް ދަތި އުދަނގޫތައް ހުރޭ،" އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ވެސް އަލިފާނުގެ ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ވަނީ ނިންމާފަ އެވެ.