18 Apr 2016, 21:19
މި ސީޒަނުގައި ކްލަބު ވެލެންސިއާގެ ޓާގެޓަކީ، މަދުވެގެން އެއް ތަށި ހޯދުން ކަމަށް އެ ކްލަބުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ލީގު ވެލެންސިއާއިން ނިންމާލީ ހަ ވަނައިގައެވެ. ވެލެންސިއާއަކީ ލީގުގެ އެންމެ ކާމިޔާބު ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ވެލެންސިއާ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެސް ވަނީ ފަސް ފަހަރު ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް 2008 ވަނަ އަހަރަށްފަހު ވެލެންސިއާއަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވެލެންސިއާގެ މެނޭޖަރު ޝިބާ ބުނީ، މާދަމާގެ މެޗުގައި ވެލެންސިއާ ދަނޑުން ފައިބާނީ ބީޖީ ބަލިކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން މަދުވެގެން އެއް ތަށި މިއަހަރު ނަގަން ބޭނުން. އިރާދަކުރެއްވިއްޔާ އެ ޓާގެޓު ހާސިލުކުރަން އަޅުގަނޑުމެން މި ނުކުންނަނީ. އަޅުގަނޑުމެން މި ވޭތިވެދިޔަ މަހެއް، ދޮޅުމަހެއް ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ މާދަމާރޭ މި ފަށްޓަނީ ފެންނަން. އެހެންވީމަ، އަޅުގަނޑުމެން މި ކުރި މަސައްކަތުގެ ނަތީޖާ ދިޔައީ ކިހިނެތްކަން އެނގޭނީ މާދަމާރޭ ނުކުންނަ ނަތީޖާއިން. ބޭނުންވަނީ، އުންމީދަކީ ވެސް، ހާސިލުކުރަން ބޭނުންވަނީ ވެސް މޮޅެއް،" އޭނާ ބުންޏެވެ.
ޝިބާ ބުނީ، ކޮންމެ އަހަރެއްގައި ވެސް ނުކުންނަނީ ގަދަ ހަތަރެއްގައި ހިމެނުމަށް ކަމަށާއި މިފަހަރުގެ ލީގުގައި އެންމެ ދަށްވެގެން ގަދަ ހަތަރެއްގެ ތެރޭގައި އޮންނަން ބޭނުންވާ ކަމަށެވެ.
"ޓީމު އޮތް ފެންވަރަކަށް ބަލާފައި، ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާފައި، އެއް އަހަރަށްވުރެ އަނެއް އަހަރު ނަތީޖާ ރަނގަޅުކުރަން ނުކުންނަނީ. އަޅުގަނޑުމެން ވެސް އުންމީދުކުރަން އެއްވަނަ. އަޅުގަނޑުމެން އުންމީދުކުރަން ދެވަނަ ވެސް ތިންވަނަ ވެސް،" އޭނާ ބުންޏެވެ.
ޝިބާ ބުނީ، މިއަހަރު ވެލެންސިއާގެ ޓީމުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި ވޭތުވެދިޔަ ތަނުގައި، ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއް މާދަމާ ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހުރިހާ ޓީމެއްވެސް ބޭރު ކުޅުންތެރިން މި ގެންނަނީ އެނގިގެން. އެހެންވީމަ، ބޭރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޑިޕެންޑްވާނެ މުޅި ޓީމު. އެންމެ މަތީ ފަންތީގައި އުޅޭ ޓީމެއް ވިޔަސް، އަދި އެއާ ޖެހުނު ޓީމެއް ވިޔަސް. މިއީ ކޮންމެހެން ދިވެހި ކުޅުންތެރިންނަށް ބުނާ ބުރަބަހެއް ނޫން. އަޅުގަނޑު ބުނާނީ، ފުރަތަމަ ބުރު ދާނީ ވަރަށް އެއްވަރުކޮށޭ،" ވެލެންސިއާގެ މެނޭޖަރު ބުންޏެވެ.
ލީގުގައި ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00 ގައެވެ.