ކޯސްޓްލައިން ހާޑުވެއާ ގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި މާލެތެރެއަށްވަނީ ދުމުގެ އަސަރުކޮށްފައެވެ. ހާއްސަކޮށް މާފަންނުގެ ބޮޑުބައެއްވަނީ ތަންދޮރު ވަކިނުވާވަރަށް ދުންބޯވެފައެވެ. މިއީ ސިއްހީގޮތުން އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށްވާއިރު އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޑރ. އައިޝަތު އަރޫނާ މިރޭ 'ސަން' އަށް ވިދާޅުވީ، ދުމުގެ އަސަރު އެހާ ބޮޑަށް ކުރުމާއެކު ނޭވާ ހިއްލުމާއި ހިތުގެ ބަލި ހުންނަ ފަރާތްތަކުގެ އިތުރުން ކުޑަކުދިން ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ.

ސިއްހީ ގޮތުން މައްސަލައެއް ކުރިމަތިވެދާނެ ފަދަ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް ޑރ. އަރޫނާ އިލްތިމާސްކުރެއްވިއެވެ. އަލާމާތްތަކުގެ ތެރޭގައި ނޭވާއަށް އުނދަގޫވުމާއި ނޭވާ އަވަސްވުމުގެ އިތުރުން ކެއްސުމާއި ކުޑަކުދިންނަމަ ކެއްސާފައި ހޮޑުލެވުމުގެ އިތުރުން އެނބުރުން އެރުން ހިމެނެއެވެ.

ދުމުގެ އަސަރަކީ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ތަފާތު ކެމިކަލުން ކުރާނީ ތަފާތު އަސަރެވެ. މިއަދު އެނދީ ހާޑްވެއާ ސްޓޯރެން ކަމުން އެތަނުގައި ވިއްކަން ހުރި ބައެއް ސާމާނަކީ ސިއްހަތަށް ނޭދެވޭ އަސަރުކުރާނެ ފަދަ ތަކެތިކަން ފާހަގަކުރެވެއެވެ.

"ދުމުގެ އަސަރަކީ އަބަދުވެސް ފުއްޕާމެއަށް އަސަރު ކުރާ އެއްޗެއް، އެހެންވީމަ ނޭވާލުމަށް މައްސަލަތައް ދިމާވެދާނެ،" ޑރ. އަރޫނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އާންމުކޮށް އަޅުގަނޑުމެންނަށް މިފެނިގެންދަނީ ކުޅިބަލަން ގިނަ ބަޔަކު އެސަރަހައްދަކަށް ޖަމާވާ މަންޒަރެވެ. އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު ދުމުން ސަލާމަތްވުމަށްޓަކައި އެސަރަހައްދަށް މާބޮޑަށް ކައިރިނުވުމަށާއި ގޭތެރޭ ދޮރުތައް ލެއްޕުމުގެ އިތުރުން ދުމުގެ އަސަރު ނުކުރާނެ ގޮތަށް ތައްޔާރުވުން މުހިންމެވެ.