މަޖީދީ މަގުގައި ހުރި ކޯސްޓްލައިން ހާޑްވެއާ އިމާރާތުގައި ރޯވެ ލިބުނު ގެއްލުން އަންދާޒާ ކުރަން ވެސް ނޭނގޭ ކަމަށާއި އެ ތަން ހުރީ އިންޝުއަރެންސް ކޮށްފައި ކަމަށް ކޯސްޓްލައިން ހާޑްވެއާގެ ޑިރެކްޓަރު ހުސައިންފުޅު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަމުން ހުސައިންފުޅު މިރޭ ވިދާޅުވީ ކޮސްޓްލައިންގެ އިދާރީ މަސައްކަތް ވެސް ކުރަމުންދާ އިމާރާތުގައި އަލިފާން ރޯވިއިރު، އެ ތަން ހުރީ އިންޝުއަރެންސް ކޮށްފައި ކަމަށާއި އެތަނުގެ ތެރޭގައި ގިނަ އަދަދެއްގެ މުދާ ހުންނާނެ ކަމަށެވެ.

"ތަނަކީ ހަމައެކަނި ހާޑްވެއާގެ ސާމާނުގެ އިތުރުން ކޯސްޓްލައިންގެ ގިނަ އަދަދެއްގެ މުދާ ހުރިތަނަކަށް ވާތީ (ގެއްލުން އަންދާޒާ ކުރަން ވެސް ނޭނގޭ)... ހަމަ އެކަނި ހާޑްވެއާ މަސައްކަތް ކުރާ ބަޔެއް ނޫން އަޅުގަނޑުމެންނަކީ އެހެންވީމަ ލިބުނު ގެއްލުން އަންދާޒާކޮށްލަން ވެސް ނޭނގޭ،" ހުސައިންފުޅު ވިދާޅުވި އެވެ.

ކޯސްޓްލައިން ހާާޑްވެއާގައި ރޯވެ ލިބިގެންދިޔަ ގެއްލުމަށްވުރެ ބޮޑަށް އެ ހިސާބުގެ އަވަށްޓެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ހިތާމަ ކުރައްވާ ކަމަށް ހުސައިންފުޅު ވިދާޅުވި އެވެ.

"ލިބުނު ގެއްލުމަށްވުރެ އަޅުގަނޑު ކަންބޮޑުވޭ އަވަށްޓެރިންނަށް ލިބިގެން ދިޔަ ގެއްލުމާ މެދު. އެބޭފުޅުންގެ ހާލު ބެލުމަށް ކަމާ ބެހޭފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ހާދިސާއާ ގުޅިގެން ކަންބޮޑުވެފައި ހުރި ހުސައިންފުޅު ވިދާޅުވި އެވެ.

ކޯސްޓްލައިންގައި ރޯވި އަލިފާން ނިއްވާލެވުނީ ތިން ގަޑިއިރުގެ މަސައްކަތުންނެވެ. މިއަދު ހަވީރު 4:30 އެހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަޔާ ލޯރީއެއް ގެނެސްގެންނެވެ. އެ ލޮރީގެ އެހީގައި ބާރު މިނުގައި "ފޯމް" ޖަހައި އަލިފާންގަނޑު ނިއްވާލީ މިރޭ 8 ޖެހިފަހުންނެވެ.

ހާދިސާއާ ގުޅިގެން ބައެއް މީހުން ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެ އެވެ. އަދި އަލިފާންގަނޑު ބައެއް ގެތަކަށް ފެތުރި ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.