މި ސީޒަނުގައި ބީޖީ ސްޕޯޓްސްގެ ޓާގެޓަކީ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުން ކަމަށް އެ ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ލީގު، ބީޖީއިން ނިންމާލީ ހަތް ވަނައިގައެވެ. ބީޖީ ރެލިގޭޓްނުވެ ސަލާމަތްވީ ޕްލޭއޯފްގައި މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ގްރީން ސްޓްރީޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބީޖީގެ ކޯޗު ޝާޒް ބުނީ، ބީޖީގައި މިފަހަރު އޮތީ މިދިޔަ ފަހަރަށްވުރެ، ޒުވާން ޓީމެއް ކަމަށާއި އެހެން ނަމަވެސް، ޓީމުގެ ފެންވަރު މާބޮޑު ތަން ވެސް ރަނގަޅުވާނެ ކަމަށެވެ.

"ބީޖީގެ މިއަހަރުގެ ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި އޮތުން. މިދިޔަ އަހަރު ބީޖީ ބޭނުންވާ ހިސާބަކަށް ނުދެވުނު. ވެލެންސިއާއާ އެއްކޮށް ކުޅޭ މެޗަށް ބަލައިލާއިރު، ވެލެންސިއާ ޓީމު މިހާރު މި ފެންނަނީ ލީގު ނެގޭ ފެންވަރުގެ ޓީމެއްގެ ގޮތުގައި. ތަޖުރިބާއަށް ބަލައިލާއިރު، ލީގުގެ އެންމެ ތަޖުރިބާކާރު އެއް ޓީމަށް ވާނެ. ވެލެންސިއާއާ އެއްކޮށް ކުޅެން ބީޖީ މި އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. އުނދަގޫ ވާނެ ކަން އެނގޭ. އެކަމަކު އަމާޒަކީ ވެލެންސިއާ ބަލިކޮށް ބީޖީއިން މެޗު ގެންދިއުން،" އޭނާ ބުންޏެވެ.

ޝާޒް ބުނީ، ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ބައެއް ޓީމުތަކަކީ ވަރަށް ތަޖުރިބާކާރު، ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމުތަކެއް ކަމަށާއި މި ފަހަރުގެ ލީގު ތިން ބުރަށް ދިގުވުމުން ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިބޭ ޓީމުތަކަށް ތަންކޮޅެއް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ތަޖުރިބާއަކީ ފުޓްބޯޅައިގައި ވަރަށް މުހިންމު އެއްޗެއް. އެހެންވީމަ ގިނަ ވަގުތު ބޯޅަ ކުޅުމަކީ ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ފުރުސަތު ލިބިގެންދާނެ. އެހެންވީމަ ޒުވާން ކުޅުންތެރިންނަށް އެބައި ތަންކޮޅެއް އުނދަގޫވާނެ. ބީޖީއިން މިފަހަރު ޒުވާން ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެ. ޒުވާން ކުޅުންތެރިންނާއި ބީޖީގެ ބިދޭސީ ތިން ކުޅުންތެރިންނާއެކު ރަނގަޅު ސްކޮޑެއް ތައްޔާރުކުރެވިފަ މިއޮތީ. ބީޖީއަށް ލީގުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް އުންމީދުކުރެވޭ،" އޭނާ ބުންޏެވެ.

ލީގުގައި ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00 ގައެވެ.