18 Apr 2016, 22:39
ހުޅުލެ އާއި މާލެއާ ދޭތެރޭ އަޅާ ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ގިނަ ސާމާނުތަކެއް ރާއްޖެ ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕައިލް ޖެހުމަށް ހަދާފައިވާ ޕްލެޓްފޯމުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖުގެ ޕައުންޑޭޝަންއަށް ބޭނުންވާ 21 ޕައިލެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
"މެއިން ބްރިޖުގެ ޕައުންޑޭޝަން ޕައިލްތަކާ ބެހޭ ހުރިހާ ތަކެއްޗެެއް ވެސް ގެނެވެމުން އެ ދަނީ، މިއަދު އައިސް އެބަ ހުރި މެއިން ބްރިޖުގެ ޕައުންޑޭޝަންގެ 21 ޕައިލެއް، ޖުމުލަ 35 ޕައިލް ބޭނުން ވަނީ. އެޕައިލްތައް ވެސް އެބަ އާދޭ." މިނިސްޓަރު ވިދާޅުވި އެވެ.

ކަނޑުގެ އަޑިން 70 މީޓަރުގެ އަޑިއަށް ޕައިލްތައް ޖަހައި އެއަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކަނޑުން ނުވަ މީޓަރު މައްޗަށް އިތުރު ހަަތަރު ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ދެން ހުރި ޕްލެޓް ފޯމް ދެ ތިން ދުވަސް ތެރޭގައި ބެހެއްޓޭނެ ކަމަށާއި ހުރިހާ ޕުލެޓްފޯމެއް އަންނަ މަހު 10 ވަނަ ދުވަހު ބަހައްޓައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕުލެޓްފޯމްތަކަކީ ކޮންކުރިޓް އެޅުމަށް އަޅާ ޕްލެޓްފޯމްތަކެކެވެ. ޕުލެޓުފޯމްތަކާ ގުޅުވައިގެން ވަގުތީ ބުރިޖެއް އަޅާނެއެވެ.
މަސައްކަތް އަވަސް ކުރުމަށް ފިޔަވަޅުތައް ވެސް ދަނީ އަޅަމުން ކަމަށާއި މަސައްކަތު މީހުންގެ ތެރެއިން 900 މީހުން ރާއްޖެ އައުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން 500 މީހުން މިހާރު ރާއްޖެ އަައިސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް 2018 ވަނަ ދުވަހުގެ ޖުލައި މަހު 26 ވަނަ ދުވަހު ހުޅުވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.