05 May 2011, 16:36
ފާއިތުވި އަހަރު އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ޝަހުސިއްޔަތުންނަށް ސަން އެފްއެމް އިން ދޭ އެވޯޑް، "ސަން އެފްއެމް އެވޯޑްސް 2010"ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ އެވެ.
މިރޭ 9:00 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ އެ ރަސްމިއްޔާތު ވީޓީވީން ވަގުތުން ބްރޯޑްކާސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަފުލާ ހިނގަމުންދާ ގޮތް ސަން އެފްއެމް އިންނާއި ސަން އޮންލައިނުން ވަގުތުން ގެނެސްދޭނެ އެވެ.
ސަންއެފްއެމް އެވޯޑްސް 2010 ގައި ހަ ދާއިރާއަކުން ނުވަ ޝަހުސިއްޔަތުން ހޮވާނެ އެވެ. އެކިދާއިރާތަކުން އެވޯޑަށް ވާދަ ކުރާ ގަދަ ތިނެއްގެ ގޮތުގައި 27 ފަރާތެއްގެ ނަން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.
މި ފަހަރުގެ އެވޯޑް ތައް ދިނުމުގައި މާކްސް ދީފައި ވަނީ، އެހުންތެރިންގެ ވޯޓަށް 50 ޕަސެންޓް އަދި ފަނޑިޔާރުންގެ މާކްސްއަށް 50 ޕަސެންޓް ކަމަށް ސަން އެފްއެމް އެވޯޑްސް ކޮމެޓީން ވަނީ ވިދާޅުވެފަ އެވެ.
ސަން އެފްއެމް އެވޯޑްސް އަކީ ރާއްޖޭގެ ހިދުމަތުގެ ދާއިރާގެ އަގު ވަޒަން ކުރުމާއި، ހިދުމަތްތެރިންނަށް ހިތްވަރު ދިނުމާއި ފުރިހަމަ ހިދުމަތުގެ ވެއްޓެއް ގާއިމު ކުރުމުގައި މީޑިއާ ސްޓޭޝަނެއްގެ ގޮތުން ސަން އެފްއެމްގެ މައްޗަށް ލާޒިމު ކުރާ އިޖުތިމާއީ މަސްއޫލިއްޔަތުގެ ދަށުން 2009 ވަނަ އަހަރު ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ފައްޓަވައި ދެއްވާފައިވާ ވަރަށް ހާއްސަ ޕްރޮގްރާމެކެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ދޭ އެވޯޑަށް ވާދަ ކުރާ ތިން ބޭފުޅުންނަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫންއަބްދުލް ގައްޔޫމާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ.
ސަން އެފްއެމް އެވޯޑްސް 2009 ގެ އަހަރުގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކަށް ހޮވާފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމެވެ.
އަދި ސަން އެފް އެމް އެވޯޑްސް 2010 ގައި އަލަށް ދިނުމަށް ހަމަޖައްސާފައިވާ އަހަރުގެ އެންމެ މަގުބޫލު އިޖުތިމާއީ ޝަހުސިއްޔަތު އެވޯޑުގެ ގަދަ ތިނަކަށް ވާދަކުރައްވަނީ ގާސިމް އިބްރާހީމް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މުހައްމަދު އައިމަން އަދި ޑރ. އަހުމަދު ރާޒީ އެވެ.
ސަން އެފްއެމް އެވޯޑްސްގެ އަހަރުގެ އެންމެ މަގުބޫލު ވިޔަފާރި ޝަހުސިއްޔަތު އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ އިބްރާހީމް އާމިރު (ސަލްސާ އާމިރު) އާއި ޝާއިރާ ސަލީމް (ޝެރީ ޝާއިރާ) އަދި އަލިމަނިކު (ޓެޕްކޯން އައްޔަ) އެވެ. ކުރިން އެ އެވޯޑް ލިބިވަޑައިގަތީ ޗަމްޕާ ހުސެއިން އަފީފަށެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އެކްޓަރު އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މުހައްމަދު މަނިކު އަދި އަހުމަދު އަޒްމީލް (އަޒޭ) އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އެކްޓްރެސް އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ސަން އެފްއެމް އެވޯޑްސް 2009 ގެ އަހަރުގެ އެންމެ މަގުބޫލު މުނިފޫހި ފިލުވައިދިނުމުގެ ޝަޚުސިއްޔަތު އެވޯޑް (އަންހެން) ލިބުނު މަރިޔަމް އަފީފާގެ އިތުރުން ނިއުމާ މުހައްމަދު އަދި އާއިޝަތު ރިޝްމީ އެވެ.
އަހަރުގެ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ޢަބްދުﷲ ޝައްފާނާއި އިބްރާހީމް ޢަލީ (ކުޑަ އިއްބެ) އަދި މުހައްމަދު ޝަމްއޫނު އެވެ.
އަހަރުގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ މާއިން ރަޝީދާއި ޝިފާ ތައުފީގާއި މަރިޔަމް އުނޫޝާ އެވެ.
ސަން އެފްއެމް އެވޯޑްސް 2010ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (ފިރިހެން) އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ސަން އެފްއެމް އެވޯޑްސް 2009ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (ފިރިހެން) ހާސިލު ކުރި އިބްރާހީމް ނިޒާރުގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހީމް ފަޒީލު (އޮއްޕޮ) އެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގެ އެންމެ މަގުބޫލު އަންހެން ކުޅިވަރު ޝަޚުސިއްޔަތު އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ސަން އެފްއެމް އެވޯޑްސް 2009ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (އަންހެން) ހާސިލު ކުރި އާއިޝަތު ނާޒިމާގެ އިތުރުން މުއީނާ މުހައްމަދާއި މަރިޔަމް ޝީނީޒް އެވެ.
މި ދާއިރާތަކުން ހޮވޭ ފަރާތްތަކުގެ އިތުރުން ސަންއާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް ބާއްވާ ފަރާތްތަކަށް ބިޒްނަސް ރިލޭޝަންޝިޕް އެވޯޑާއި ސަންގެ އެހުންތެރިން ހޮވައިފައިވާ އެންމެ މަގުބޫލު ފަސް ޕްރޮގްރާމަށްވެސް މިރޭ އެވޯޑްދޭނެ އެވެ.