18 Apr 2016, 20:29
މި ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓާގެޓަކީ، ކްލަބުގެ އަގު ހިފަހައްޓައި، ލީގު ދިފާއުކޮށް، ގައުމީ މުބާރާތް ކާމިޔާބުކުރުން ކަމަށް ނިއުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފި އެވެ.
ނިއު އިން މިދިޔަ އަހަރުގެ ލީގު ކާމިޔާބުކުރުމާއެކު ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބަށް ނިއު ވެފައިވެއެވެ. ނިއު އިން ފަސް ފަހަރު ލީގު ކާމިޔާބުކޮށްފައިވާ އިރު، ކްލަބު ވެލެންސިއާ އިން ވެސް ވަނީ ފަސް ފަހަރު ލީގު ކާމިޔާބުކޮށްފަ އެވެ.
އުރީދޫ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ކުރިން މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިއުގެ ކޯޗު ސްޓޮއިކޯފް ބުނީ، ލީގުގައި ކުޅޭ ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީ ވެސް ވާދަވެރި މެޗަކަށް ވާނެ ކަމަށެވެ.
"އަހަރެންގެ ޓާގެޓަކީ ނިއު ރޭޑިއަންޓުގެ އަގު ހިފަހައްޓައި، ލީގު ދިފާއުކުރުން، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުން. ޗެރިޓީ މެޗުން އަހަރެމެން ބަލިވީ. ބާސެލޯނާ ގޮތަށް، އެމީހުން ޗެމްޕިއަން ލީގުން ކެޓި ނަމަވެސް އެ ޓީމުން މިހާރު އެދަނީ ސްޕެނިޝް ލީގު ހޯދުމުގެ މަސައްކަތް ކުރަމުން. އެގޮތަށް އަހަރެމެން ވެސް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން ބަލިވެފައިވީ ނަމަވެސް ސްޓޮއިކޯފް ބުނީ، ކޮންމެ މެޗަކީ ވެސް ތަފާތު މެޗަކަށް ވާނެ ކަމަށާއި މެޗުގައި ފެނިގެންދާނީ އާ ނަސީބުތަކެއް ކަމަށެވެ.
"މާޒިޔާއަކީ ފެންވަރުގެ ގޮތުން އަހަރެމެންނަށްވުރެ، ތަންކޮޅެއް ރަނގަޅު ޓީމެއް. އެއީ އެޓީމުގެ ފޯވަޑް ލައިނުގައި ގައުމީ ޓީމު ކުޅުންތެރިން ތިބުމުން. އަހަރެމެންގެ ރަނގަޅު ޑިފެންސިވް ލައިނެއް އެބައޮތް. އެމީހުންގެ ރަނގަޅު ފޯވަޑް ލައިނެއް އެބައޮތް. އަހަރެންނަކަށް މިވަގުތު ނުބުނެވޭނެ އަހަރުން ޖަހާނީ ފަސް ލަނޑޭ، އެޓީމުން ޖަހާނީ ދިހަ ލަނޑެކޭ. އަހަރެން ހީކުރީ ޗެރިޓީ ޝީލްޑް މެޗުގައި ފަހެއް ނުވަތަ ހަ ލަނޑުވަރު، މާޒިޔާއިން ޖަހާނެ ކަމަށް،" އޭނާ ބުންޏެވެ.
ނިއުގެ ކޯޗު ބުނީ، ޓީމުގައި ބައެއް މައްސަލަތަކެއް ހުރި ކަމަށާއި އެކަމަކު ފުރަތަމަ ބުރުގައި ކުޅުންތެރިން ނެގުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފޯވަޑް ލައިނުގައި ވެސް މައްސަލަތަކެއް ހުރިކަން އޭނާ ފާހަގަކުރި އެވެ.
ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.