18 Apr 2016, 20:28
މި ސީޒަނުގައި މާޒިޔާ އެންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޓާގެޓަކީ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އިތުރުން ދެން ހުރި މުބާރާތްތައް ވެސް ކާމިޔާބުކުރުން ކަމަށް އެ ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާއިން ލީގު ނިންމާލީ، ހަތަރު ވަނައިގައި އޮވެ އެވެ. މި އަހަރުގެ އޭއެފްސީ ކަޕުން މާޒިޔާއަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.
ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ކުރިން މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ، މިދިޔަ ސީޒަނަކީ މާޒިޔާއަށް ކާމިޔާބު ސީޒަނެއްގެ ގޮތުގައި ފާހަގަ ނުކުރާ ކަމަށާއި މާޒިޔާއިން ވެސް އެގޮތަށް ފާހަގަ ނުކުރާ ކަމަށެވެ.
"މިދިޔަ ސީޒަނުގައި އެންމެ ބޭނުންވާ ފެންވަރުގައި ނުދިޔަ ކަމުގައިވިޔަސް ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވުނު. އޭގެ އިތުރުން މިސީޒަނަށް މި ނުކުންނަނީ މާޒިޔާގެ ލަނޑުދަނޑިތަކުގެ އިތުރުން އަޅުގަނޑުގެ ވެސް އަމިއްލަ ޓާގެޓުތަކެއް ހަދައިގެން. އެއީ އެބަޖެހޭ ކޮންމެވެސް ވަރަކަށް ޕްރެޝަރު ނަގަން. ޕްރެޝަރު ނުނެގޭ ކަމުގައިވަންޏާ، ފަހަރުގައި މަސައްކަތްކުރަން ފަސްޖެހޭ ގޮތް ވެދާނެތީ، އަޅުގަނޑު އަމިއްލައަށް އެ ޕްރެޝަރު ނަގާފައި ކުރިން އޮންނާނީ. މި ސީޒަނުގައި މި ނުކުންނަނީ ލީގުގެ އިތުރުން، ދެން ހުރި މުބާރާތްތައް ކާމިޔާބުކުރަން،" އޭނާ ބުންޏެވެ.
ސުޒޭން ބުނީ، މާޒިޔާއަށް މާދަމާ ނިއުއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ލީގުގެ ފުރަތަމަ ބުރަކީ މުހިންމު ބުރަކަށް ވާނެ ކަމަށެވެ. އަދި ލީގު ހޯދުމުގައި އެންމެ ބޮޑު ދައުރެއް ކުޅޭނީ ފުރަތަމަ ބުރު ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާތަނަށް ލީގު ހޯދާފައިވާ ޓީމުތަކަށް ބަލާއިރު، ފުރަތަމަ ބުރުގައި ލީޑު ނަގާ ޓީމެއް ވެއްޓިގެން ގޮސްފަ ވަރަށް ނެތް. އެއީ މެޗުގެ މުހިންމުކަން ބޮޑު އެއް ސަބަބު. ފުރަތަމަ ބުރު ހޯދުމަށް އެންމެ މުހިންމު މެޗަކަށް ވާނީ ނިއު ރޭޑިއަންޓް މެޗު. އެއީ ހަގީގަތުގައި ނިއު ރޭޑިއަންޓް، ވެލެންސިއާ، މާޒިޔާ، އެހެންގޮސް ދެ ތިން ޓީމެއް ލީގަށް ވާދަކުރަން ރަނގަޅަށް ތައްޔާރުވެފައި މިއޮތީ. އެހެންވީމަ އެއަށް ބަލާއިރު މި މެޗު ވަރަށް މުހިންމު،" ސުޒޭން ބުންޏެވެ.
ސުޒޭން އިތުރަށް ބުނީ، ޗެރިޓީ ޝީލްޑްގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ ވަރަށް އެއްވަރުކޮށް ގޮސް ކަމަށާއި އެކަމަކު މާދަމާގެ މެޗުގައި އެއަށްވުރެ ތަފާތު ކުޅުމެއް ފެންނާނެ ކަމަށެވެ. އަދި އެކަމަށް މާޒިޔާ އޮތީ ވަރަށް ރަނގަޅަށް ތައްޔާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.