Last Updated: 10 year 7 month ago

މަޖީދީމަގުގައި ހުންނަ ކޯސްޓުލައިން ހާޑުވެއާ ފިހާރައިގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.



އަނދައި ހުލިވި އިމާރާތް ހުރީ އިންޝުއަރެންސްކޮށްފައި

ކޯސްޓްލައިންގެ ޑިރެކްޓަރު ހުސައިންފުޅު "ސަން"އަށް މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ މުދަލާއެކު އަނދައި ހުލިވި އިމާރާތް ހުރީ އިންޝުއަރެންސްކޮށްފައި ކަމަށާއި އެތަން އަނދައި ހުލިވުމުން ލިބުނު ގެއްލުން ވެސް ބުނަން ނޭނގޭ ކަމަށެވެ.
ލިބުނު ގެއްލުމަށްވުރެ އަޅުގަނޑު ކަންބޮޑުވޭ އަވަށްޓެރިންނަށް ލިބިގެން ދިޔަ ގެއްލުމާ މެދު. އެބޭފުޅުންގެ ހާލު ބެލުމަށް ކަމާ ބެހޭފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން.
އަލިފާންގަނޑު ފެތުރިގެން އެނދި ގެ ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފްގެ އަލިފާން ނިއްވާ ސިފައިންގެ މީހަކު ބުނި.
ކޯސްޓުލައިން ހާޑުވެއާ ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އެކަންތައް ހަމަޖައްސައިދޭނެ ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އައިޔޫއެމް ގެ ދަރިވަރުންގެ ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނިކޮށް، އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ފުލުހެއްގެ އަތުގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް ފުލުހުން ބުނެފި.



އަލިފާން ކޮންޓްރޯލް ކުރެވިއްޖެ. އެމްއޭސީއެލްގެ އަލިފާން ނިއްވާ ލޮރީން ޖަހަމުންދަނީ ފޯމް. އެ ފޯމުން ފަސޭހަކަމާއެކު އަލިފާން ނިއްވޭނެ.
އެ ސަރަަހައްދުގައި ކުޅިބަލަން ނުތިބެ، ފުލުހުންނާއި ސިފައިންނަށް އެހީތެރިވުމަށް މާފަންނު ސަހަރާއާ ދިމާލަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައި. މީޑިއާގެ ފަރާތްތަކަށް ވެސް އެ އިލްތިމާސްވަނީ ކޮށްފައި.
އެއްވެސް ބަޔަކު އެހީއަށް ބޭނުންވާ ކަމުގައިވާނަމަ ޑިޒާސްޓާ މެނޭޖުމަންޓުގެ ހޮޓްލައިން 115 އަށް ގުޅުމަށް އެ ސަރަހައްދުގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ވަނީ އިއުލާންކޮށްފައި. ނަޒާކީ ޓްރޭޑާސްއިން އެއްޗެހި ނެރެ ހުސްކުރަމުންދަނީ
އަލިފާންގަނޑު ފެތުރުން ހުއްޓުވައިފި. އަލިފާންގަނޑު ފެތުރި ޖެހިގެން ހުރި ފިހާރައިގައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައި. ނަމަވެސް ކޯސްޓްލައިން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލެއް ނުވޭ. ޖެހިގެން ހުރި ތަންނަތަށް އަލިފާން ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް ވަނީ އަޅާފައި.



ރޯވި އިމާރާތުގެ ކައިރީގައި ހުރި ގޭސް ފުޅިތައް އެ ސަރަހައްދުން ދުރަަށް ޖެއްސުމަށް ދަނީ އަންގަމުން. އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ ގިނަ މީހުން ވަނީ މަގުތަކަށް ނުކުމެފައި.



ކުރިއަށް ވުރެ ބޮޑަށް އަލިފާންގަނޑު ވަނީ ހިފާފައި. އެމްއެމްޑީއެފްގެ ފަޔާ ލޮރީތަކުން ޖަހާ ފެނުން އަލިފާންގަނޑަކަށް އަސަރެއް ނުކުރޭ. އިމާރާތުގެ ތެރޭގައި ގަދައަށް ވަނީ ހުޅުހިފާފައި.
އަލިފާން ރޯވިތާ ގަޑިއެއްހާއިރު، އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ
ކޯސްޓްލައިންގައި އަލިފާން ރޯވިތާ ގަޑިއެއްހާއިރުވީއިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުކުރެވޭ. ހަލުވިކަމާއެކު އަލިފާންގަނޑު ރޯވެ، އަނދަން ފެށުމުން، އެމްއެމްޑީއެފަށް އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި. އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފްގެ ހަތަރު ވެހިކަލް އެބަ އޮތް.

ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ވަނީ ރޯވެފައި
އެ ސަރަހައްދުގައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ވެސް ވަނީ އަލިފާން ރޯވެފައި. އެ ސަރަހައްދުގައި ކަރަންޓެއް ނެތް.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ 10 ވަރަކަށް ގެއަކުން ވަނީ ކަރަންޓު ކަނޑާލާފައި



އިމާރާތުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި އެހެން ތަންތަނަށް ފެތުރިއްޖެ. ހާޑްވެއާ ފިހާރައާ ޖެހިގެން ހުރި ފިހާރައެއްގައި ވަނީ ރޯވެފައި. ކޯސްޓްލައިން ފިހާރައިގެ ފާރުތައް ވެއްޓި، ހުޅުގަނޑު ވަނީ ބޮޑުވެފައި. އަލިފާން ރޯވިތަނުގެ ތެރެއިން އެއްޗެހި ގޮވާއަޑު ވެސް އިވޭ.



ވެހިކަލްތައް ދުރަށް ޖައްސަނީ
އަލިފާން ރޯވި ކޯސްޓްލައިން އިމާރާތުގެ ކައިރީގައި ޕާކުކޮށްފައިވާ ވެހިކަލްތައް ދުރަށް ޖެއްސުމުގެ މަސައްކަތް ވެސް ވަނީ ފަށާފައި. އަލިފާން ރޯވެ، އަނދަމުންދާއިރު މާލެއަށް ތުނިކޮށް ވާރޭ ވެހެމުންދޭ.



އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ. ޖެހިގެން ހުރި ފިހާރަތަކަށް އަލިފާންގަނޑު ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފައި.
އަލިފާން ރޯވި އިމާރާތުން ހޭނެތިފައި އޮތް މީހަކު ނެރެފި
އަލިފާން ރޯވި އިމާރާތުން މީހަކު ނެރެގެން ގޮސްފި. ބެލެވޭ ގޮތުން އޭނާ އޮތީ ހޭނެތިފައި. މުޅި ސަރަހައްދުގައި ވަނީ ދުން ބޯވެފައި.




















