19 Apr 2016, 09:14
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރިއަކީ ސަލްމާން ހާން އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކާމިޔަބު ފިލްމުތަކެއް ކުޅެފައިވާ ސަލްމާން އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ.
މީހުންގެ ލޯބި ސަލްމާން އަށް ނުލިބެންވީ ސަބަބެއްވެސް ނެތެވެ. ސަލްމާން ވަނީ އޭނަ އަށް ލިބިފައި ހުރި އެކްޓު ކުރުމުގެ ހުނަރުން މުޅި ފިލްމު އިންޑަސްޓްރީ އަށް އިންގިލާބެއް ގެނުވަދީފަ އެވެ. ފިލްމުތަކުގައި ތަފާތު ރޯލުތައް އަދާކޮށް ބެލުންތެރިންގެ ހިތްތައް ކަތިލައިފަ އެވެ.
ތަފާތު ރޯލުތަކުން ސަލްމާން ފެންނަން ބޭނުންވާ ފޭނުންނަށް މި ފަހަރު ވެސް މި އޮތީ ވަރަށް އުފާވެރި ހަބެރެކެވެ. އިންޑިއާގެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، މިހާރު ސަލްމާން ހުރީ ފިލްމެއްގައި ވިލަން އެއްގެ ރޯލު ކުޅުމަށް ތައްޔާރު ވެގެންނެވެ.
ހަމައެއާ އެކު ސަލްމާން ވިލަން އެއްގެ ރޯލު އަދާ ކުރަނީ، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމު "ރޭސް"ގެ ތިން ވަނަ ސީކުއަލްގައި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އަދި މިވަގުތު "ސުލްތާން"ގެ މަސައްކަތުގައި ސަލްމާން ބިޒީކޮށް އުޅުނު ނަމަވެސް އޭނާ ހުރީ އެ ފިލްމުގައި ވިލަން އެއްގެ ރޯލު އަދާކުރުމަށް އެއްބަސް ވެގެން ކަމަށް ހަބަރުތައް ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުން ރޭސްގެ ތިން ވަނަ ފިލްމު ޑައިރެކްޓު ކުރާނީ މަޝްހޫރު ޑައިރެކްޓަރު ރެމޯ ޑި ސޫޒާ އެވެ. ރޭސްގެ އެއްވަނަ އަދި ދެވަނަ ފިލްމު ޑައިރެކްޓު ކުރީ ރަމޭޝް ތައުރަނީ އެވެ.
ކޮންމެއަކަސް، ދެން އޮތީ ރޭސްގެ ތިން ވަނަ ފިލްމު ރިލީޒު ކުރާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.
މައުލޫމާތު: ސްޓާޒް އޮފް ބޮލީވުޑް