18 Apr 2016, 15:50
ގއ. ދެއްވަދޫގައި މިފްކޯގެ ފަރާތުން ގާއިމްކޮށްފައިވާ އައިސްޕްލާންޓް މިއަދު ހުޅުވައިފި އެވެ.
ދެއްވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައިސްޕްލާންޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
މިއަދު ދެއްވަދޫގައި ހުޅުވި އައިސް ޕްލާންޓަކީ ދުވާލަކު 25 މެޓްރިކްޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އައިސްޕްލާންޓެއް ކަމަށް މިފްކޯ އިން މައުލޫމާތުދެ އެވެ.
މިދިޔަ ދެ އަހަރުތެރޭ ފ. ނިލަންދޫ އާއި ގދ. ފިޔޯރީ އާއި ގދ. ފަރެސްމާތޮޑާ އަދި ގދ. ގައްދޫގައި މިފްކޯ އިން ވަނީ ރަނގަޅު ކެޕޭސިޓީގެ އައިސްޕްލާންޓް ހުޅުވައިފަ އެވެ.
އެގޮތުން އޭގެ ކުރިން ހުޅުވާފައިވާ އައިސްޕްލާންޓްތަކާއި މިއަދު ހުޅުވި އައިސްޕްލާންޓާ އެކު ދުވާލަކު ޖުމްލަ 445 މެޓްރިކްޓަނުގެ އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް ވިއްކުމަށް މިފްކޯގެ އައިސްޕްލާންޓުން އުފައްދަ އެވެ.
މިފްކޯ އިން ބުނީ އެ ކުންފުނިން ހިންގާ މުޅި މަޝްރޫއު ނިންމުމަށް އަދި ވެސް އިތުރު ހަ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ އިރު، އެ މަޝްރޫއު ނިމުމުން ދުވާލަކު ޖުމްލަ 620 މެޓްރިކްޓަނުގެ އައިސް މަސްވެރިންނަށް ވިއްކުމަށް އުފެއްދޭނެ ކަމަށެވެ.
އެއީ މަސްވެރިން ބާނާމަސް ތާޒާކަންމަތީ ފެކްޓްރީއާ ހަމައަށް ފޯރުކޮށްދިނުމަށް މަސްވެރިންނަށް ހިތްވަރު ދިނުމަށް ސަރުކާރާއި މިފްކޯ ގުޅިގެން ފަށާފައިވާ ބޮޑު މަޝްރޫއެކެވެ.