ލ. ގަމުގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ޕަބްލިކް ޓްރާސްޕޯޓް ސިސްޓަމެއް ގާއިމްކުރަން ނިންމީ، ލ. ގަމަކީ ބިންބޮޑު ދަތުރުފަތުރުގެ ހަރަދު ބޮޑު ރަށަކަށްވުމުން އާންމު ރައްޔިތުން އުފުލަން ޖެހޭ މާލީ ތަކުލީފު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

ގޮތުން، ގާއިމްކުރާ ޕަބްލިކް ޓްރާސްޕޯޓް ސިސްޓަމުގައި ބަސް ސްޓޮޕްތައް ގާއިމްކުރުމާއި ބަސް ހޯދުމާއި ބަސް ޑިޕޮޓް ހަދަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މަސައްކަތްކުރަން ޖެހޭނީ، އެ މަސައްކަތަށް ހޮވޭ ފަރާތެއްގެ އަމިއްލަ ހަރަދުގަ އެވެ.

ގަމު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް ސަން އަށް ވިދާޅުވީ، ގަމުގައި ގާއިމްކުރަން ނިންމާފައިވާ ޕަބްލިކް ޓްރާސްޕޯޓް ސިސްޓަމުގެ މަސައްކަތް ކުރިއަށްދާނީ، ޓްރާސްޕޯޓް އޮތޯރިޓީން ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށެވެ.

ޕަބްލިކް ޓްރާސްޕޯޓް ސިސްޓަމެއް ގަމުގައި ގާއިމްކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކެއް ބޭނުންކުރާނެ ފަރާތްތަކަށާއި އެކަން ކޮށްދިނުމަށް ވީހާ ވެސް ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ގަމު ކައުންސިލުން ބުނެ އެވެ.

"މިހާރު ރަށުގައި ޓެކްސީއަކަށް ކުރާ ދަތުރަށް ވުރެ ކުޑަ އަގެއްގައި އެ މަސައްކަތްކޮށްދޭނެ ފަރާތެއް އަޅުގަނޑުމެން ބަލާނީ. މިހާރު ގަމުން ކައްދޫ އަށް ޓެކްސީ އެއްގައި ގާތްގަނޑަކަށް 300 އާއި 350 ރުފިޔާ ހަރަދުވާނެ. އެއީ ރައްޔިތުންނަށް ވަރަށް ބޮޑު އަދަދެއް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސިސްޓަމް ގާއިމްކުރުމަށް ވިސްނަވާފައި އޮތީ ގަމު ތެރޭގަ އާއި ކައްދޫއާ ހަމައަށް ކަމަށެވެ. ނަމަވެސް ލ. އަތޮޅުގެ ވެރިކަންކުރާ ރަށް، ފޮނަދޫ ކައުންސިލާ ގުޅިގެން އެ ރަށަށް ވެސް އެ ސިސްޓަމުގެ ތެރެއިން ގުޅުވާލަން ރާވަމުންދާ ކަމަށް ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 4600 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގަމުގެ ބޮޑު މިނަކީ، 526 ހެކްޓަރެވެ. ނަމަވެސް އެ ރަށުގައި އަދި އެހާ ގިނަ އަދަދެއްގެ ވެހިކަލް ނެތް ނަމަވެސް، ލ. އަތޮޅުގައި އަލަށް ހަދަމުންދާ ލިންކު ރޯޑް ނިމުމުން ވެހިކަލްގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ގަމުގައި ޕަބްލިކް ޓްރާސްޕޯޓް ސިސްޓަމު ގާއިމްކުރުމުގެ ޝައުގުވެރިކަން ހުށަހަޅަން ޖެހޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ލ. ގަމު ކައުންސިލް އިދާރާ އަށެވެ.