ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އާއިލާއާ ބެހޭ ގާނޫނު ފާސްވެގެން ދިއުމުން ގަައުމުގައި އިޖުތިމާއީ އަދާލަތު ހަރުދަނާ ވެގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާއިލާއާ ބެހޭ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ބިލު ފާސްވެގެން ދިއުމުން މަޖިލީހުގެ ޖަލްސާ މިއަދަށް ނިންމާލައްވަމުން މަސީހު ވިދާޅުވީ މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.

"ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކޮށް ތަރައްގީ ކުރުމަށް ރައްޔިތުން މަޖިލީހުން މިއެޅީ މާސިންގާ ފިޔަވަޅެއް. އާއިލާއާ ބެހޭ ގާނޫނަށް މި ގެނެވުނު އިސްލާހަކީ އިޖުތިމާއީ އަދާލަތުގެ ނިޒާމު ހަރުދަނާ ކުރުމަށް ނިންމުނު ވަރަށް މުހިއްމު ނިންމުމެއް،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރަސީގެ ހަޔާތުގައި ކާމިޔާބު މަޖިލީހެއް ކަމަށެވެ. އަދި ވިދާޅުވީ 18 ވަނަ މަޖިލީހަކީ ޑިމޮކްރަސީ ހަރުދަނާ ކުރާ މަޖިލީހެއް ކަމަށެވެ.

"މި މަޖިލީހަކީ [18 ވަނަ ރައްޔިތުންގެ މަޖިލިސް] ޑިމޮކްރަސީގައި ޖޯޝް ހުރި މަޖިލީހެއް. އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން." މަޖިލިސް ޖަލްސާ ނިންމާލައްވަމުން މަސީހު ވިދާޅުވި އެވެ.

ދެމަފިރިން ވަކިވުމުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމަށް އާއިލާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

ޖިނާއީ އިޖުރާއަތުގެ ބިލަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.