ބައިނަލް އަގުވާމީ ސިއްހަތު ދުވަހާއި ގުޅުވައިގެން އަންހެނުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށް ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

އައްޑޫ ވިމެންސް އެސޯސިއޭޝަން އާއި އިންޑިއަން ކަލްޗުރަލް ސެންޓަރާ ގުޅިގެން ރޭ ކަލްޗުރަލް ސެންޓަރުގައި ބޭއްވި އެ ބައްދަލުވުމު މަގުސަދަކީ ސިއްހީ ކަންތައްތަކަށް އަންހެނުން ހޭލުންތެރި ކުރުވުން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ބައިނަލް އަގުވާމީ ސިއްހަތު ދުވަހާއި ގުޅުވައިގެން އަންހެނުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށް ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އައްޑޫ ވިމެނެސް އެސޯސިއޭޝަމް

ޑަބްލިއު އެޗްއޯގެ ބޭފުޅުން މައުލޫމާތު ދެއްވި އެ ބައްދަލުވުމުގައި، އަންހެނުންގެ ސިއްހަތާއި ޔޯގާ އަދި ރަނގަޅު ކާނާ އާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން ރީތީ މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މުޅި ޖުމްލަ 120 އަަންހެނުން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޑރ. މަރިޔަމް ޝަކީލާގެ އިސްނެންގެވުމުގެ މަތިން ހިންގަމުން އަންނަ އައްޑޫ ވިމެންސް އެސޯސިއޭޝަންގެ މަގުސަދަކީ، ހުރިހާ ދާއިރާތަކަކުން ވެސް އަންހެނުން ބާރުވެރިކޮށް ހޭލުންތެރި ކުރުވުން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.