05 May 2011, 16:26
ށ. ކޮމަންޑޫގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓެއް ބިނާކުރުމުގެ މަސައްކަތް 27.4 މިލިއަން ރުފިޔާ އަށް ސްރީލަންކާގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ މިއަދު ހައުސިން މިނިސްޓްރީން ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ބެހޭ އެގްރިމެންޓުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. މުހައްމަދު ޝަރީފެވެ. ލަންކާގެ ހެގް ކޮންސްޓްރަކްޝަނާއި ޖޭއާރްއާރްއެލް ގުޅިގެން އުފައްދައިފައިވާ ޖޮއިންޓް ވެންޗާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެގުގެ ޕްރޮޖެކްޓް މެނޭޖާ ހެމަންދު ކަރުނަރަތުނޭ އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މަސައްކަތް ލަންކާގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 270 ދުވަހުގެ ތެރޭ ނިންމަން ޖެހޭ ގޮތަށް، 27.4 މިލިއަން ރުފިޔާ އަށް ކަމަށެވެ. އަދި ސަރުކާރުން ފައިސާ ދައްކަމުން ދާނީ މަސައްކަތް ނިމޭ ވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ށ. ކޮމަންޑޫގައި 4.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ރަށުގައި ގިރާ ސަރަހައްދުގައި 850 މީޓަރުގެ ރިވެޓްމަންޓެއް ބިނާކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.