28 Apr 2010, 11:07
14:30
ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޕެނަމާގެ ކުރީގެ އަސްކަރީ ލީޑަރު މެނުއަލް ނޮރިއޭގާ ދޫކޮށްލެވެން ނެތް ކަމަށް ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މިހުކުމް އައިސްފައިވަނީ ޖަލުގައި 20 އަހަރު ހޭދަކޮށްފައިވާ އުމުރުން 76 އަހަރުގެ ނޮރިއޭގާގެ ސިއްހަތަށާއި މަގާމަށް ބަލައި އޭނާ ޖަލުން ދޫކޮށްލުމަށް އޭނާގެ ވަކީލުން އެދުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ނޮރިއޭގާގެ ވަކީލުން ބުނެފައިވަނީ އޭނާ އިތުރަށް ޖަލުގައި ބެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އޭނާގެ ސިއްހަތާއި މަގާމަށް ބަލައި ދޫކޮށްލެވެން ޖެހޭނެ ކަމަށެވެ. އަދި މިނިންމުން ބަދަލުކުރުމަށް އެޕީލް ކުރާނެ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފައިދާ ހޯދުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ނޮރިއޭގާ ހައްޔަރުކޮށްފައިވަނީ 1989 ވަނަ އަހަރެވެ. ވޭތުވެދިޔަ 20 އަހަރުދުވަހު އެމެރިކާގެ ޖަލެއްގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ނޮރިއޭގާ ފްރާންސްގެ ޖަލަކަށް ބަދަލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.