ބަޣްދާދު (އެޕްރީލް 18) : އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރު ސިއްރިޔާތުގައި އިރާގަށް ވަޑައިގެންފި އެވެ.

މިއީ ކުރިން އިޢްލާން ކުރުމަކާނުލައި ސިއްރިޔާތުގައި އަދި ކުއްލި ގޮތްގޮތަށް އެމެރިކާގެ އިސްމަސްއޫލުވެރިން ބަޣްދާދަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެއްނޫނެވެ. އާންމު ގޮތެއްގައި އެމެރިކާގެ މަސްއޫލުވެރިން އިރާގަށް ވަޑައިގަންނަވަނީ ކުރިން އިޢްލާން ކުރުމަކާނުލައި ސިއްރިޔާތުގައި ކުއްލި ގޮތަކަށެވެ. މިކަމުގެ ފަހަތުގައި ވަނީ ސަލާމަތީ ސަބަބުތައްކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިގޮތުން އޭޝްޓަން ކާޓަރުގެ މިދަތުރުފުޅުގެ ބޭނުމަކީ އިރާގުގެ ސިފައިން، އައިއެސްގެ ޖަމާއަތުގެ މައްޗަށް ހޯދަމުންދާ ކާމިޔާބީތަކުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އާއި ދިފާއީ ވަޒީރު ޚާލިދުލްއުބައިދީއާ މަޝްވަރާ ކުރެއްވުމެވެ. އިރާގުގެ ސިފައިން، އައިއެސްގެ ޖަމާއަތުގެ މައްޗަށް ހޯދަމުންދާ ކާމިޔާބީތަކުގެ ބޭނުން ސިޔާސީ ގޮތުންނާއި އަސްކަރީގޮތުން (ހެޔޮގޮތުގައި) ކުރެވިގެން ނޫނީ އައިއެސް ޖަމާއަތުގެ މައްޗަށް ދާއިމީ ކާމިޔާބު ނުހޯދޭނެ ކަމަށް އެމެރިކާ ދެކެއެވެ.

މީގެއިތުރުން އިރާގު ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި ވަސީލަތްތައް އިރާގަށް ވިއްކުމާ ބެހޭ ގޮތުންނާ އަދި އަސްކަރީ ބައެއް އެހީ އިރާގަށް ދިނުމާ ބެހޭ ގޮތުން ވެސް ކާޓަރު، އިރާގުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ބުނެ އެވެ.

ކާޓަރު ދާދިފަހުން ވަނީ، އައިއެސް ޖަމާއަތުގެ އަތްދަށުން މނިވަންކުރެވޭ އިރާގުގެ ސިޓީތަކާއި ވިލެޖްތައް އަލުން މަރާމާތުކޮށް އާރާސްތުކުރުމަށް ޓަކައި އިރާގު ސަރުކާރަށް އެހީތެރިވުމަށް ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް ގޮވާލައްވާފަ އެވެ. އިރާގު ސިފައިން މިހާރު ދަނީ އެގައުމުގެ ރަށެއްކަމަށްވާ މޫސުލް އައިއެސްގެ އަތްދަށުން މިނިވަން ކުރުމަށްޓަކައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ. (ރޮއިޓާސް)

މިދިޔަ އަހަރުގެ ފަހުކޮޅު އިރާގު ސިފައިންވަނީ އެގައުމުގެ ހުޅަނގުގެ ބޮޑު ސިޓީއެއްކަމަށްވާ ރަމާދީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފަ އެވެ. އެރަށް އައިއެސްގެ އަތްދަށުން މިނިވަން ކުރެވުނު އިރު އެ ރަށުގެ ގިނަ އިމާރާތްތަކާއި އިންފްރާސްޓްރަކްޗާ ވަނީ މުޅިން ހަލާކުވެ ވީރާނާވެފަ އެވެ.

އިރާގު ޓެރަރިސްޓުންގެ ހާއްޔަކަށް ވެގެންދިޔައީ އެމެރިކާ ސިފައިން އިރާގާ ދެކޮޅަށް 2004 ވަނަ އަހަރު ކުރި ޣައިރު ގާނޫނީ ހަނގުރާމައިގެ ސަބަބުން ކަމަށާ އިރާގުގައި ހުރިހާ ރޮނގެއްގައި ވެސް އެމެރިކާ ފޭލްވެފައިވާކަމަށް އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުންވެސް މިހާރު ގަބޫލުކުރެެ އެވެ. (ރޮއިޓާސް)