18 Apr 2016, 15:07
ޖިންސީ އަމަލަކަށް މަގުފަހިވާ ގޮތަށް ސްކޫލް ކުއްޖަކާ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފް އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ އިރު ރޭގައި ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދު ރޭ ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން އެއް މަސް ދުވަހަށް އޮފީހަށް ނުނިކުމެވޭ ގޮތަށް ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން މަސްރޫފުގެ ބަހެއް ހޯދުމަށް ސަން އިން އޭނާއަށް ގުޅުމުން ވިދާޅުވީ މިވަގުތު ވަކި އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅުނުވާ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.