18 Apr 2016, 14:57
އައްޑޫ ސިޓީގައި ކުރިއަށް ދިޔަ 17 ވަނަ ސާކް ސަމިޓުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވާ "އެގްރީމަންޓް އޮން އެސްޓެބްލިޝިން ދަ ސާކް ސީޑް ބޭންކް" އެގްރީމެންޓުގައި ރާއްޖެ އިން އަމަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެ އެގްރީމެންޓަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން ނެވެ.
ސާކް ސީޑް ބޭންކް އެގްރީމަންޓް ރާއްޖެ އިން ތަސްދީގުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ސިޓީފުޅެއް ފޮނުއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ އެގްރީމަންޓަކީ ސާކުގެ ގައުމުތަކުގައި ދަނޑުވެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް، އުފައްދާ ކާނާގެ ފެންވަރު ރަނގަޅު ކުރުމަށް ސަރަހައްދީ ލީޑަރުން ސޮއިކޮށްފައިވާ އެގްރީމަންޓެކެވެ.
ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށް ފަހު އަދި އެ މުއާހަދާއަކާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމެވުމުން ކަމަށެވެ.