ކައުންސިލްތަކުގެ އުމުރު، ގާނޫނު އަސާސީން އުނިކުރުމަށް ފަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގާނޫނަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީ އަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައިވާ އިސްލާހު ފާސްނުވުމުން އެ ބިލު ބާތިލުވެއްޖެ ކަމަށް ކަނޑައަޅައިފި އެވެ.

އެ އިސްލާހު ފާސްނުވީ ގާނޫނު އަސާސީ އިސްލާހުވާ މިންވަރަށް ވޯޓު ނުލިބުމުން ނެވެ. ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ 64 މެމްބަރުންނެވެ. އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 44 މެމްބަރުން ނެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 22 މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

ގާނޫނު އަސާސީ އަށް އާމިރު ހުށަހެޅުއްވި އިސްލާހު މިއަދުގެ މަޖިލީހުން ފާސްނުވުމުން އެ އިސްލާހު ބާތިލިވި ކަމަށް ކަނޑައެޅީ ދާދިފަހުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ނެވެ.

މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ބިލެއް މަޖިލީހަށް ފާސްކުރަން ނުފެނިއްޖެ ނަމަ އެ ބިލެއް އެ ހިސާބުން ބާތިލުވީ ކަމަށެވެ. އަދި ކޮމެޓީއަށް ފޮނުވުމަށް ފާސްނުވެއްޖެ ނަމަވެސް އެ ބިލެއް އެހިސާބުން ބާތިލުވާނެ ކަމަށް ވެސް ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ގާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހަށް މިއަދު ވޯޓަށް އަހާފައިވާ އިރު އެ އިސްލާހަކީ މީގެ ކުރިން ވެސް ފާސްނުވުމުން އަނބުރާ ކޮމެޓީއަށް ފޮނުވާލައިފައިވާ އިސްލާހެކެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިހާބު ކުރަން ޖެހޭ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.

ހަމައެއާއެކު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ވެސް ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނެފައި ވަނީ އިދާރީ ދާއިރާތަށް ހިންގުމަށް ޓަކައި އިންތިހާބު ކުރާ ކައުންސިލްތަކުގެ ރައީސް އާއި ނައިބް ރައީސް އިންތިހާބު ކުރާނީ އެ ކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓުންނެވެ. އަދި (ނ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާތަށް ހިންގުމަށް ޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު ކަމަށެވެ.

ގާނޫނު އަސާސީ އަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ އެ ގޮތަށް އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފެދި ހިންގަމުންދާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކަމަށެވެ. ހަމައެއާ އެކު އެ ނިޒާމަކީ ނަތީޖާ ހާސިލުކުރަނިވި މިންގަނޑުތަކުގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމަކަށް ވާން ޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.

"ގާނޫނުގައި ކުރިން ނަންގަނެވުނު ނިޒާމާ ގުޅޭ ތަފްސީލްތައް ގާނޫނު އަސާސީއަށް ވުރެ ފުޅާ ގޮތެއްގައި ލިޔެވި ބަޔާން ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ހިނދު އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ އެ ކައުންސިލްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ބައެއްގެ ގޮތުގައި އޮތުމަށް ވުރެއް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވައިލެވޭނެ އެންމެ ފުރިހަމަ ގޮތް،" އިސްލާހު ހުށަހެޅުއްވި ސަބަބަކަށް އާމިރު ވިދާޅުވެފައިވެ އެވެ.