ގިނަ އަދަދެއްގެ ފަރުމަސް މަރުވެ، ށ. މިލަންދޫ އަށް ލައްގަން ފަށައިފި އެވެ.

އެ ރަށު ކައުންސިލް ރައީސް އަބްދުﷲ ފާއިޒު ހަސަން "ސަން" އަށް މިއަދު ވިދާޅުވީ، ވޭތުވެ ދިޔަ ހަފްތާއިން ފެށިގެން ގިނަ އަދަދެއްގެ މަރުވެފައި ހުރި މަސްތައް އެ ރަށަށް ލައްގަމުން އަންނަ ކަމަށެވެ.

"މިދޔަ ހަފްތާ ތެރެއިން ފެށިގެން މަސް ލައްގަމުން ދަނީ. މިއަދު ވެސް ވަރަށް ގިނަ މަސް ލައްގާފައި އެބަ ހުރި. ނޫ ރޮނޑު، ދަންފަތި، ވާލަން މަސް ވެސް އުޅޭ ކޮންމެ ވެސް ވަރަކަށް. ވަރަށް ބޮޑެތި އެއްޗެހި، ވާކަން މަސް ލަނޑާ އެއްޗެހި މިއުޅެނީ،" އަބްދުﷲ ފާއިޒު ވިދާޅުވި އެވެ.

ށ. މިލަންދޫ އަށް ލައްގާފައިވާ މަސްތައް އެއް ކުރުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ކައުންސިލް ގުޅިގެން ކުރަނީ --- ފޮޓޯ: މިލަންދޫ ކައުންސިލް

އޭނާ ވިދާޅުވީ، އެ ރަށު ކަންއުސިލާއި ފުލުހުން ގުޅިގެން މަރުވެގެން ލައްގާފައިވާ މަސްތައް އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުރަތަމަ ދުވަހު އެކަނި ވެސް 1500 އަށް ވުރެ ގިނަ މަސް އެއްކޮށްފައިވާ ކަމަށް އަބްދުﷲ ފާއިޒު ވިދާޅުވި އެވެ.

"މާދަމާ އަނެއްކާ ކަލެކްޓު ކުރަން ދާން މި ވިސްނަނީ. ފުރަތަމަ ދުވަހު ވެސް 1500 ވުރެ މަތީ އުޅޭ މަސް. އެންމެ ފަހުން ދުވަހު ވެސް 600 ވަރަކަށް މަސް އުޅޭ މަރުވެފައި،" އަބްދުﷲ ފާއިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަރުވެފައިވާ މަސްތައް އެއްކުރުމަށް ފަހު ނައްތާލަމުން އަންނަނީ މެރިން ރިސާޗު ސެންޓަރުން ދީފައިވާ ލަފައާ އެއްގޮތުގެ މަތިން ކަމަށެވެ.

"މެރިން ރިސާޗު ސެންޓަރުން އެބަ އޮތް އަޅުގަނޑުމެންނަށް އިރުޝާދު ދީފައި މަސްތައް ނައްތާލަން ޖެހޭ ގޮތް. ވަޅުލައިގެން. މަސް ލައްގާ ވަރަކަށް ކަލެކްޓުކޮށް އެ އެއްޗެހި ވަޅުލަމުން މި ދަނީ،" އަބްދުﷲ ފާއިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ރަށުގެ މޫދަށް އެރުން ސިއްހީ ގޮތުން ރަނގަޅު ނޫންކަން ރައްޔިތުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް އާދަމް މީގެ ކުރިން "ސަން" އަށް ވިދާޅުވީ، ބޮޑަށް ބެލެވޭ ގޮތުގައި މަސްތައް މަރުވާން ދިމާވަނީ ހޫނުގަދަވުމާއި ދިޔަވަރު މަޑުވުމުގެ ސަބަބުން އޮކްސިޖަން މަދުވުމުން ކަމަށެވެ. އަދި ފަރުތަކާއި ފަޅުތައް އުފެދިފައިވާ ގޮތުން އެފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި މިއީ މާހައުލަށް އަންނަ ބަދަލުން އަންނަ ކަމެއްގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.