05 May 2011, 14:40
މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށް ލާފައި ހުރި މީހަކާއި ފަސް އަހަރަށް ޖަލަށް ލާފައި ހުރި މީހެއްގެ ހުކުމް އެއް އަހަރަށް ސަސްޕެންޑްކޮށްދީ މުޖުތަމައު އަށް ދޫކޮށްލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މައާފް ދެއްވައި އެއް އަހަރަށް ހުކުމް ސަސްޕެންޑްކޮށްދީފައިވަނީ، މަސްތުވާތެކެތީގެ މައްސަލަތަކެއް ސާބިތުވެގެން ޖަލަށް ހުމްކޮށްފައި ތިބި ހ. ގްރީންލިލީ އަހުމަދު އިޒްހާން ރަޝީދާއި ޅ. ނައިފަރު މިސްކިތް ދޮށުގޭ އަހުމަދު އިމްސާހުގެ އެވެ.
ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، އިޒްހާނަކީ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެގެން އޮކްޓޯބަރު 12، 2010 ގައި ޖަލަށް ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އަދި އިމްސާހުގެ މައްޗަށް 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އޮކްޓޯބަރު 9، 2009 ގައި ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުންގެ ހުކުމް އެއް އަހަރަށް ސަސްޕެންޑްކޮށް ޖަލުން ދޫކޮށްލައިފައިވަނީ، މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 މާއްދަގެ (ނ)ގެ ދަށުން ރައީސަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.
އެއް އަހަރަށް އެ ދެ މީހުންގެ ހުކުމް ސަސްޕެންޑް ކޮށްދިން ނަމަވެސް އެ މުއްދަތުގެ ތެރޭ އިތުރު ކުށަކަށް އަރައިގެންފިނަމަ އެ ކުރި ކުށުގެ އަދަބާއި އަދި ސަސްޕެންޑްކުރި އިރު އެމީހުން ތަންފީޒު ކުރަމުން ދިޔަ ހުކުމުގެ ބާކީބައި އަނެއްކާ ވެސް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.