18 Apr 2016, 13:36
ދެމަފިރިން އެކުގައި އުޅުނު އިރު ހޯދާފައިވާ މުދަލެއް ވިއަސް އަދި އެހެން ގޮތަކަށް ދެމަފިރިން އެކުގައި އުޅުނު އިރު ހޯދާފައި ހުރި މުދަލަކާ ވެސް ވަރިއަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޝެއިހް އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.
ދެމަފިރިން ވަކިވުމުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމަށް އާއިލާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުން ޝެއިހް ޝަމީމް ވިދާޅުވީ ވަރިއާ މުދަލަކީ މުޅިން ދެ މައުލޫއެއް ކަމަށެވެ. ޝަމީމް ވިދާޅުވީ ކައިވެނި ކުރުމުގެ ހައްގު ދެމަފިރިންނަށް އޮންނަ ގޮތަށް ވަރީގެ ހައްގު ވެސް ދެމަފިރިންނަށް އޮންނަ ކަމަށެވެ.
ޝަމީމް ވިދާޅުވީ ކައިވެނި ކުރަނީ ވެސް ދެ މީހެއްގެ ފުރިހަމަ ރުހުން ލިބިގެން ކަމަށެވެ. އަދި މަޖުބޫރުން އެއްވެސް ހާލަތެއްގައި ކައިވެންޏެއް ނުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވަރިއަކީ ވެސް އެފަދަ ގޮތަކަށް އޮންނަ ކަމެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.
"ހަމަ އެގޮތަށް ވަރިވެސް. ދެން ވަރި ކުރެވޭ އިރު ވަރީގެ އިހުތިޔާރު މި އޮންނަނީ އެންމެ އިސްކޮށް ފިރިމީހާ އަށް. އޭނާ ބޭނުމިއްޔާ އޭނާ އަށް ވަރިކުރެވޭނެ. ކޮންމެ ސަބަބެއް ކަމުގައިވިއަސް. އަންހެން މީހާ އަށް ވެސް ދިރިއުޅެން ބޭނުން ނެތިއްޔާ ވަރިވެވޭނެ ގޮތްތައް އިސްލާމީ ޝަރީއަތުގައި އެބައޮތް ކަނޑައެޅިފައި. އެއަކާ [ވަރިއާ] މުދަލަކާ ނުގުޅުވޭނެ،" ޝެއިހް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ދެމަފިރިން ކައިވެނިކޮށްގެން ވިއަސް ނުވަތަ ކައިވެންޏަކާ ނުލައި ވިއަސް ދެމީހުން އެކީގައި މަސައްކަތްކޮށްގެން ހޯދާފައި މުދަލަކީ ވަކި ގޮތަކަށް މާނަ ކުރެވެން ޖެހޭ އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމެއް ދެ މީހުންގެ މެދުގައި އެކުލަވާލުމަކީ އެ މަސައްކަތެއް ކުރާ ދެ މީހެއްގެ ވާޖިބެއް ކަމަށެވެ.
"މިސާލަކަށް ތިޔަ ބިލުގެ މާނައަކީ ފިރިމީހާ އަނބިމީހާ ވަރިކުރަންޏާ ނުވަތަ އަނބިމީހާ ފިރިމީހާ ކިބައިން ވަރިއަށް އެދޭ ނަމަ ދެ މީހުންގެ އަސްލު ރައުސުލްމާލު ނުވަތަ ދެ މީހުންގެ އަމިއްލަ މުދާ އެ ދެ މީހުންގެ ދޭތެރޭ ބަހަންޖެހިއްޖިއްޔާ އެއީ ކަނޑައެޅިގެން އަނިޔާވެރިކަމެއް، އެއީ ﷲ ސުބުހާނަހޫ ވަތައާލާ ކަނޑައަޅުއްވާފައިވާ މިލްކިއްޔަތުގެ ހައްގު ފޭރިގަތުން އެއީ. އެ މާނައިގައި ވެއްޖިއްޔާ އެއީ ކަނޑައެޅިގެން ނުބައި. އެކަމެއް އެގޮތަށް ނުކުރެވޭނެ. އޭރުން ކަނޑައެޅިގެން އިސްލާމްދީނާ ފުށުއަރާ." ޝަމީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ދިރާސާކުރި ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ އިސްލާހަކީ އިސްލާމީ ޝަރީއަތާ ހިލާފު އިސްލާހެއް ކަމަށާއި ވެރިކަންކުރާ ޕީޕީއެމް އިން ކަނޑާލިއަސް، އެ ބިލަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަރިކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ނުވަތަ ކައިވެނި ރޫޅައި ދިނުމުގެ ކުރިން ނުވަތަ ވަރި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކައިވެނިކުރާ އިރު، އެ ކައިވެނީގައި ހިމެނޭ ދެ ފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް، ދެފަރާތުގެ ދެމެދުގައި ލިޔުމަކުންވެވޭ އެއްބަސްވުމެއްގައި ހިމަނަންވާނެ ކަމަށެވެ. އެ އެއްބަސްވުން އެކުލަވާލަން ވާނީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ދެމަފިރިން އެކުގައި އުޅުނު އިރު ހޯދާފައިވާ މުދަލެއް އަދުލުވެރި ގޮތެއްގައި ކޯޓުން ބަހަން ޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކައިވެނި ރޫޅޭ ހާލަތުގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި މެދު އަމަލުކުރާނެ ގޮތަކާއި މެދުގައި ހިލާފުވެއްޖެ ހާލަތެއްގައި ކަމަށެވެ.