18 Apr 2016, 13:38
ޓޮޓެންހަމް ހޮޓްސްޕާއިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފިނަމަ، އެ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ 'ސްޓެޗޫ' އެއް ބެހެއްޓުން ހައްގު ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލީގުގައި އިއްޔެ ވެސްޓް ހާމް ޔުނައިޓެޑް އަތުން، އެއް ވަނައިގައި އޮތް ލެސްޓާ ސިޓީ އެއްވަރުވުމާ ގުޅިގެން ޕޮއިންޓްގެ ގޮތުން ލެސްޓާއާ ގާތްކޮށްލުމަށް ދެ ވަނައިގައި އޮތް ޓޮޓެންހަމްއަށް ވަނީ ފުރުސަތު ލިބިފަ އެވެ.
ލީގުގައި މިއަދު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ، ލެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްލެވޭނެ އެވެ. މިއަދުގެ މެޗާއެކު ޓޮޓެންހަމްއަށް ފަސް މެޗު އޮތްއިރު، ލެސްޓާއަށް ލީގުގައި ބާކީ ދެން އޮތީ ހަތަރު މެޗެވެ.
"އަހަރެމެން ލީގު ކާމިޔާބުކޮށްފިއްޔާ، އަހަރެން ދެކޭ ގޮތުގައި ކޮންމެ ކުޅުންތެރިއެއްގެ ސްޓެޗޫއެއް ބެހެއްޓުން ހައްގު. ލެސްޓާއާ ދެމެދު ބޮޑު ފަރަގެއް އެބައޮތް. އެކަމަކު އަހަރެމެން އެބަޖެހޭ ލީގު ހޯދުމުގެ މަސައްކަތް ކުރަން،" ޓޮޓެންހަމްގެ ކޯޗު ޕެޗެޓީނޯ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ، ލެސްޓާ ސިޓީގެ ކޮންމެ މީހަކު ވެސް ޗެމްޕިއަނުންނަށް ވާން ބޭނުންވާނެކަން އެނގޭ ކަމަށާއި އެކަމަކު އެކަން ޓޮޓެންހަމްއަށް ބަދަލުކޮށްލެވިދާނެ ކަމަށެވެ.
ދިހަ އަހަރުގެ އިންތިޒާރީއަކަށް ފަހު، މިދިޔަ ސީޒަނުގައި އިންގްލިޝް ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ލެސްޓާ ސިޓީއިން ވަނީ މި ސީޒަނުގައި ބޮޑެތި ގިނަ ކްލަބުތަކެއް ސިއްސުވާލައި، ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފަ އެވެ.