18 Apr 2016, 12:50
ދެމަފިރިން ވަކިވުމުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމަށް އާއިލާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އިސްލާމީ ޝަރީއަތާ ހިލާފު އިސްލާހެއް ކަމަށާއި ވެރިކަންކުރާ ޕީޕީއެމް އިން ކަނޑާލިއަސް، އެ ބިލަށް ވޯޓު ނުދެއްވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.
އާއިލާއާ ބެހޭ ގާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހު ދިރާސާކޮށް އިޖުތިމާއީ ކޮމެޓީން ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ މެމްބަރު ވައްޑެ ވިދާޅުވީ މުދާ ނުބެހޭހާ ހިނދަކު ވަރި ނުކުރެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ބުނެފައި ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލު އެގޮތަށް އޮތުމުން އިޖުތީމާއީ ބަލިމަޑު ކަމެއްގެ ތެރެއަށް މުޖުތަމައު ވަދެގެންދާ ކަމަށެވެ.
"އަޅުގަނޑަށް ވަރިހަމަ ޕީޕީއެމް އިން ކަނޑާލިއަސް ޕީޕީއެމް އިން ދުރުކޮށްލިއަސް މިއަކަށް [އާއިލާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު] ވޯޓެއް ނުދޭނަން. އިސްލާމީ ޝަރީއަތާ ހިލާފަށް ފުރަތަމަވެސް އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އެވަނީ. އެގޮތަށް ނުހިފެހެއްޓޭނެ. މިހާރު ވެސް އޮންނަނީ ވަރި ކުރެވޭނެ ކަމަށް. މި ގާނޫނުގައި މިހާރު މި ބުނަނީ ކީކޭ. މުދާ ބެހުމުގެ ކުރިން ލާހިކެއް ނޫނޭ ވަރިކޮށްދޭކަށެއް. ލާހިކެއް ނޫނޭ ރަޖިސްޓްރީ ވެސް ކޮށްލާކަށެއް. ދީނީ އިލްމުވެރިއަކު ނޫނީ ޝެއިހަކު ވިދާޅުވެދެއްވަބައްލަވާ މިއީ ހިފެހެއްޓޭނެ ކަމެއްތޯ." ވައްޑެ ވިދާޅުވި އެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަރިކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ނުވަތަ ކައިވެނި ރޫޅައި ދިނުމުގެ ކުރިން ނުވަތަ ވަރި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކައިވެނިކުރާ އިރު، އެ ކައިވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް، ދެފަރާތުގެ ދެމެދުގައި ލިޔުމަކުންވެވޭ އެއްބަސްވުމެއްގައި ހިމަނަންވާނެ ކަމަށެވެ. އެ އެއްބަސްވުން އެކުލަވާލަން ވާނީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ދެމަފިރިން އެކުގައި އުޅުނު އިރު ހޯދާފައިވާ މުދަލެއް އަދުލުވެރި ގޮތެއްގައި ކޯޓުން ބަހަން ޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކައިވެނި ރޫޅޭ ހާލަތުގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި މެދު އަމަލުކުރާނެ ގޮތަކާއި މެދުގައި ހިލާފުވެއްޖެ ހާލަތެއްގައި ކަމަށެވެ.
މުދާ ބަހާއިރު ކޯޓުން ބަލަންޖެހޭ ކަންކަން:
- ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއްވާ ނަމަ އެ ފައިސާއެއް ނުވަތަ މުދަލުގެ މިންވަރު ކަނޑައެޅުން.
- އެ ފައިސާ އިން ނުވަތަ މުދަލުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުން.
ބިލު ހުށަހެޅުއްވި ސަބަބުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ކައިވެނި ރޫޅުމުން އާއިލާ ނިކަމެތި ވެދިޔުމުގެ ފުރުސަތު ކުޑަކުރުން" ވައުދުގެ ދަށުން ކައިވެނި ރޫޅުމަށް ފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
ސަރުކާރު މެނިފެސްޓޯގެ "ކައިވެނި ރޫޅިއްޖެ ނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްގު ހިއްސާ ހޯދައިދޭނަން،" ވައުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައި ވަނިކޮށް ކައިވެނި ރޫޅިއްޖެ ނަމަ އެ މުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާ އުސޫލުތައް ވެސް މި ބިލުގެ ދަށުން ގާއިމު ކުރެވޭނެ އެވެ.