ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ވެސް 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންފައިފި އެވެ.

ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ މިއަދު ސަން އަށް ވިދާޅުވީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ނާޒިމަށް އަންގާފައި ވަނީ ސިންގަޕޫރުގައި ބޭސްފަރުވާކުރަން އޭނާ ދިން މުއްދަތު ހަމަވުމާ ގުޅިގެން ކަމަށެވެ.

ނާޒިމް އިނގިރޭސިވިލާތައް ވަޑައިގަތް ކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ނާޒިމަށް ދޫކޮށްފައި ވަނީ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށާއި އޭގެފަހުން އޭނާ އަށް ޕާސްޕޯޓު ވެސް އަދި އިތުރު އެއްވެސް ލިޔުމެއް ދޫކޮށްފައިނުވާ ކަމަށެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ ސޮއިކުރައްވައި މީގެކުރިން ކަރެކްޝަންސް އަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އިދާރާ އިން އެންގި ކަމުގައި ވިޔަސް ބޭސްފަރުވާގެ ކަންތައް ނިމުމުން ނޫނީ ނާޒިމް އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ނާޒިމް ޖަލުގައި ހުންނެވި ދުވަސްވަރު އޭނާގެ ބޭސްފަރުވާގެ ކަންތައްތަކަށް ކަރެކްޝަންސް އިން އިހުމާލުވެފައިވާ ކަމަށް ވަކީލު ވަނީ ތުހުމަތު ކުރައްވާފައެވެ.

ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މަކަރާއި ހީލަތުން ދައުލަތުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމުގެ ކުށް ސާބިތުވުމުންނެވެ.