ލަނޑު ޖެހުމުގެ ފޯމު ދެމެހެއްޓުމަށް، ގިނަ ވަގުތު އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރުމަށް މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރެޝްފޯޑްގެ ކިބައިން އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އެދެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެޝްފޯޑް ވަނީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި އެއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ހަތް ވަނަ ލަނޑެވެ. އެ މެޗުން 1-0 ލަނޑު ޔުނައިޓެޑް މޮޅުވެފައިވާއިރު، އެސްޓަން ވިލާ ވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ.

"ރެޝްފޯޑް ގިނަ ވަގުތު ޕެނަލްޓީ އޭރިޔާ ތެރޭގައި ހުންނަން ޖެހޭ. އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުންނަ ކޮންމެ ފަހަރަކު އޭނާ ލަނޑު ޖަހާ،" އެމްޔޫޓީވީއަށް ދިން އިންޓަވިއުއެއްގައި މަޓާ ބުންޏެވެ.

މަޓާ ބުނީ، ރެޝްފޯޑް ދަނީ ޔުނައިޓެޑަށް އެހީތެރިވަމުން ކަމަށާއި އެކަޑަމީއިން ސީނިއާ ޓީމާ ގުޅޭ ކުޅުންތެރިންނާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިއަށްހުރި މެޗުތަކުގައި ވެސް ރެޝްފޯޑުގެ ފަރާތުން ލަނޑުތަކެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ބާކީ ފަސް މެޗު ޔުނައިޓެޑަށް އޮތްއިރު، އެ ޓީމު އޮތީ ކުޅުނު 33 މެޗުން ލިބުނު 56 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް އާސެނަލް އާއި ޔުނައިޓެޑާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.